Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

ޑެންމާކު ކީޕަރުގެ މޫނަށް ލޭޒާ އެޅުވުމުން އިންގްލޭންޑް ޖޫރިމަނާކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވުމުން އިނގިރޭސި ފުޓްބޯޅަ އިދާރާ ޖޫރިމާނާ ކުރަން ޔޫއެފާ އިން ނިންމައިފިއެވެ.

އެ މެޗުން 2-1 އިން މޮޅުވެ އިންގްލޭންޑް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު މުބާރާތުގެ ފައިނަލްގައި އެޓީމު މާދަމާ ރޭ ނިކުންނާނީ އިޓަލީއާ ދެކޮޅަށެވެ.

ސެމީފައިނަލް މެޗުގައި ޑެންމާކުގެ ކީޕަރުގެ މޫނަށް އިންގްލޭންޑްގެ ސަޕޯޓަރަކު ލޭޒާ އަޅުވާފައިވަނީ އެ މެޗުގައި އިންގްލޭންޑަށް ލިބުނު ޕެނަލްޓީ ޖަހަން ތައްޔާރުވެފައިވަނިކޮށެވެ. މޫނަށް ލޭޒާ އެޅުވި ނަމަވެސް ހެރީ ކޭން ފޮނުވާލި އެ ޕެނަލްޓީ ޝްމައިކަލް ދިފާއުކުރިއެވެ. ނަމަވެސް ރިބައުންސްވި ބޯޅަށް ކޭން ވަނީ ގޯލަށް ފޮނުވާލައިގެން މެޗުން އިންގްލޭންޑް މޮޅުވި ގޯލު ކާމިޔާބުކޮށްދީފައެވެ.

ޝްމައިކަލްގެ މޫނަށް ލޭޒާ އެޅުވުމުގެ އިތުރުން ޔޫއެފާ އިން ވަނީ ޑެންމާކުގެ ގައުމީ ސަލާމް ކުޅެމުންދިޔަ، އިންގްލޭންޑްގެ ސަޕޯޓަރުން ގައުމީ ސަލާމަށް މަލާމާތް ކުރުމާއި، އިންގްލެންޑުގެ ސަޕޯޓަރުން ދަނޑުގައި އަލިފާން ބޯޅަ ރޯކުރި މައްސަލަ ވެސް ބަލާފައެވެ. އެ ހުރިހާ މައްސަލަތަކެއް ބެލުމަށްފަހު ޔޫއެފާ އިން ވަނީ އިނގިރޭސި ފުޓްބޯޅަ އިދާރާ 30،000 ޔޫރޯ އިން ޖޫރިމަނާ ކުރަން ނިންމާފައެވެ.

ސެމީފައިނަލް މެޗު ކުޅުނީ 60،000 ސަޕޯޓަރުންގެ ކުރިމަތީގައި ކަމަށްވާއިރު، މާދަމާ ރޭގެ ފައިނަލް މެޗަށް ވެސް މި އަދަދަށް ސަޕޯޓަރުން ވެއްދުމަށް ވަނީ ނިންމާފައެވެ. ވެމްބްލީ ސްޓޭޑިއަމް އަކީ 90،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.