Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

55 އަހަރަށްފަހު ތަށްޓެއް ހޯދަން އިންގްލޭންޑް ތައްޔާރު

55 އަހަރަށްފަހު ތަށްޓެއް ހޯދަން އިންގްލޭންޑް އޮތީ ތައްޔާރަށް ކަމަށް އެޓީމުގެ ކޯޗު ގެރެތް ސައުޓްގޭޓް ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިރޭ އިޓަލީއާ ދެކޮޅަށް އިންގްލޭންޑް ނިކުންނައިރު، މިއީ ޔޫރޯގެ ފައިނަލްގައި އެޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ 1996 ވަނަ އަހަރަށްފަހު އެޓީމުން ވާދަކުރާ ފުރަތަމަ ފައިނަލް ވެސް މެއެވެ. އެންމެފަހުން އިންގްލޭންޑް ވާދަކުރީ ފައިނަލަކީ 1996 ވަނަ އަހަރުގެ ވޯލްޑް ކަޕް ކަމަށްވާއިރު، އެފަހަރު އެޓީމުން ވަނީ އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތްގޭޓް ބުނީ ސަޕޯޓަރުންގެ ފަރާތުން ޓީމަށް ލިބެމުން އަންނަނީ އާދަޔާ ހިލާފު ސަޕޯޓެއް ކަމަށާއި ޔޫރޯގެ ތަށި ހުރިހާ ސަޕޯޓަރުންނަށްޓަކާ ކާމިޔާބުކުރަން ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށެވެ.

"އަހަރުމެން މިތިބީ ފައިނަލެއްގައި. ފައިނަލަށް އައިސްފައި މިތިބީ މޮޅުވާން" ސައުތްގޭޓް ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު އިންގްލޭންޑްގެ އެޓޭކަށް ކުޅެމުން އަންނަ ފިލް ފޮޑެން އަށް އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން އިންގްލޭންޑުން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި ފޮޑެން ބައިވެރިވެފައެއް ނުވެއެވެ.

ސައުތްގޭޓް ބުނީ ފޮޑެން އަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށާއި ނަމަވެސް މިރޭގެ މެޗުގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.