Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ވެމްބްލީގައި ކުޅެން އިޓަލީ ބިރެއް ނުގަނޭ: ބޮނޫޗީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެން ބިރު ނުގަންނަ ކަމަށް އިޓަލީގެ ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީ ބުނެފިއެވެ.

ޔޫރޯގެ ފައިނަލްގައި މިރޭ އިންގްލޭންޑާއި އިޓަލީ ބައްދަލުކުރާއިރު، ވެމްބްލީ ސްޓޭޑިއަމަށް މި މެޗު ބެލުމަށް 60،000 ސަޕޯޓަރުން ވަންނާނެއެވެ. އެގޮތުން މި މެޗު ބަލަން އައުމަށް އިޓަލީ ސަރުކާރުން އިނގިރޭސިވިލާތަށް ދިޔުމަށް ހުއްދަ ދީފައިވަނީ 1000 މީހުންނަށެވެ.

މެޖޯރިޓީ އިނގިރޭސި ސަޕޯޓަރުންނާއެކު މި މެޗު ކުޅޭއިރު، އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ބޮނޫޗީ ބުނީ މި މެޗު ކުޅެނީ އިނގިރޭސިވިލާތުގައި ކަމަށްވީ ނަމަވެސް އެއީ ބިރުގަންނަ ކަމެއް ނޫން ކަމަށާއި މެޖޯރިޓީ އިނގިރޭސި ސަޕޯޓަރުން ތިބި ނަމަވެސް ވެމްބްލީ ކުޅުމަށް ކުޅުންތެރިން ތައްޔާރަށް ތިބި ކަމަށެވެ.

"ވެމްބްލީގައި ކުޅުމަކީ ތާރީހީ ކާމިޔާބެއް ހޯދަން އިޓަލީ ކުޅުންތެރިންނަށް ލިބޭ އިތުރު މޯޓިވޭޝަނެއް. ރަނގަޅު މެޗެއް ކުޅުމަށްޓަކާ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އެއަށްފަހު ދެން މެޗުގެ އެންމެފަހުގެ ނަތީޖާ އަށް ބަލާނީ" ބޮނޫޗީ ބުންޏެވެ.

މިރޭގެ ފައިނަލަކީ 2012 ވަނަ އަހަރަށްފަހު އިޓަލީން ވާދަކުރާ ފުރަތަމަ ފައިނަލެވެ. އެޓީމަށް އެންމެފަހުން ޔޫރޯ ކާމިޔާބު ކުރެވިފައިވަނީ 1968 ވަނަ އަހަރުގައިކަން ފާހަގަކޮށްލެވެއެވެ.