Last Updated: March 29, 18:55
Friday, March 29, 2024
ކުޅިވަރު

އާޖެންޓީނާ އިން ކޮޕަ އެމެރިކާ ކާމިޔާބުކޮށްފި

1-0 އިން ބްރެޒިލް ބަލިކުރުމަށްފަހު އާޖެންޓީނާ އިން ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އާޖެންޓީނާ އިން ހޯދި މި ކާމިޔާބީ އެންމެ ބޮޑަށް ހާއްސަވާ ކުޅުންތެރިއަކީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއެވެ. އެގޮތުން މިއީ އުމުރުން 34 އަހަރުގެ މެސީ އާޖެންޓީނާގެ ގައުމީ ޓީމާއެކު ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެވެ. މިފަހަރުގެ ކޮޕަ އެމެރިކާ އަކީ އާޖެންޓީނާގެ ގައުމީ ޓީމާއެކު މެސީ ކުޅުނު 10 ވަނަ ބޮޑު މުބާރާތެވެ.

މީގެއިތުރުން މިއީ 1993 ވަނަ އަހަރަށްފަހު އާޖެންޓީނާ އިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ބްރެޒިލްގެ މަރަކަނާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އާޖެންޓީނާ އަށް މެޗުގެ 22 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންހެލް ޑިމަރިޔާ އެވެ. ޑިމަރިޔާ މި ގޯލު ކާމިޔާބުކުރީ ޑިޕޯލް ދިން ރީތި ޕާހަކުން ބްރެޒިލްގެ ކީޕަރު އެޑަސަންގެ ބޯމަތިން ބޯޅަ ވައްޓާލައިގެންނެވެ.

ނަތީޖާ އެއްވަރުކުރަން ދެވަނަ ހާފްގައި ބްރެޒިލް އިން ވަރަށް ބޮޑަށް މަސައްކަތް ކުރިއިރު، މި ހާފުގައި އެޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އާޖެންޓީނާގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން ބްރެޒިލް އިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އާޖެންޓީނާގެ ކީޕަރު މާޓިނޭޒް އެވެ.

އާޖެންޓީނާ އިން ދެވަނަ ހާފްގައި ވަރަށް ބޮޑަށް ޑިފެންސިވްކޮށް ކުޅުނު ނަމަވެސް، މެޗުގެ ފަހު ވަގުތުކޮޅުތެރޭ މެސީ އަށް ވަނީ ލީޑު ފުޅާކޮށްލަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ބްރެޒިލް އަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު، މިއީ ބްރެޒިލްގައި ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެއްގައި އެ ޓީމަށް ތަށި ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.