Last Updated: April 24, 21:50
Wednesday, April 24, 2024
ރިޕޯޓް އެމްޑީޕީ

ދޮންބިލެތް އުދާސްތައް ބޭރުކޮށްލައިފި

* ރައީސް ނަޝީދުއަށް ތާއިދު ކުރައްްވާ ތިބީ 15 ނުވަތަ 16 މެމްބަރުން
* އެމްޑީޕީ ނޫން މީހުން ޕާޓީ ގޮޑި ހޯދާފައި އެބަހުރި

އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމާހެދި މިހާރު މި ވަނީ ދެކްޝަނެއް އުފެދިިފައި އެވެ. ދެން އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރައްވާނެ ކަން އިއުލާންކުރައްވާފައިވާއިރު އެމަނިކުފާނާ ދެން ވާދަ ކުރައްވާނެ ބޭފުޅެއް ކަމަށް ބެލެވެނީ ރައީސް ސޯލިހް އެވެ. ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާތައް ފަހު ދެ ފެކްޝަނުގެ ހިތްހަމަ ނުޖެހުންތައް ބޮޑުވާން ފަށާފައިވާއިރު މިހާރު އެއްބައި މެމްބަރުން ވަނީ ރައީސް ސޯލިހްގެ އިސްތިއުފާއަށްވެސް ގޮވާފައި އެވެ. އެމްޑީޕީގެ އެތެރެ ރޯވެފައިވާ ދަނޑިވަޅު އެމްޑީޕީ ތެރޭގައި ވާނުވާ އެނގޭ ވަރުގެ ބޭފުޅަކު އޭނާގެ އުދާސްތައް ވަނީ ބޭރުކޮށްލާފައި އެވެ. އެ ޕާޓީ ތެރޭގައި އޮތް ނުތަވަސްކަމާއެކު ހިފެހެއްޓުމެއް ނެތި ބައެއް ވާހަކަތަކާއެކު ކަންކަން އާއްމުންނަށް ތިލަ ކޮށްދެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބިލެތްދޫ ދާއިރާގެ މެމްބަރު މުހައްމަދު ހަލީމް(ދޮންބިލެތް) އެވެ.

މިހާރު އެންމެ ބޮޑަށް ވައިގައި ހިފާފައި ކްލަބު ހައުސް ގުރޫޕެއްގެ ތެރޭގައި ހުކުރު ދުވަހުގެ ރޭ ހަލީމް ވަނީ މީގެ ކުރިން ނުދައްކަވާ ގިނަ ވާހަކަތަކެއް "އާއްމުންނަށް މިހާރު ދެން އެނގުނަސް ހެޔޮ" ކަމަށް ވިދާޅުވި ބޭރުކޮށްލާފައި އެވެ.

ރައީސް ނަޝީދާއެކު ތިއްބެވީ 15 ނޫނީ 16 މެމްބަރުން

އެމްޑީޕީގެ އާއްމު މެމްބަރުން އަޑުއަހަން ތިބި މި ގުރޫޕްގައި ހަލީމް އެންމެ ބޮޑަށް ވިސްނަދޭން މަސައްކަތް ކުރެއްވީ ރައްްޔިތުންގެ މަޖިލިސް ތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނުގައި ބާރެެއް ނެތްކަމެވެ. ތަކުރާރުކޮށް ވިދާޅުވީ އެ ބޭފުޅުންގެ ތިބީ 15 ނޫނީ 16 މެމްބަރުން ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާއާ މެދު މެންބަރުންގެ ހިތުގައި ނުތަވަސްކަން އުފެދިފައިވާއިރުވެސް މާރިޔާ މަގާމުން ވަކި ނުކުރެވިގެން އުޅެނީ ކީއްވެތޯ އާއި ރައީސް ސޯލިހާ ދެކޮޅަށް މަޖިލީހުގައި މަސައްކަތް ނުކުރެވިގެން އެމްޑީޕީގެ މެމްބަރުންނަށް އުޅެނީ ކީއްވެތޯ މެމްބަރުން ކުރަމުންދިޔަ ސުވާލުތަކުގެ ޖަވާބަކަށް ވެސް އެވަަރަށް މެމްބަރުން ނެތުމެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއްގެ ތެރެއިން–

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމްވެސް ހުންނެވީ ސަރުކާރުގެ ތެރޭގައި "ފިތިފައި" ކަމަށް ހަލީމް ސިފަކުރެއްވި އެވެ. އޭނާގެ އެ ވާހަކަތަކުން ދޭހަވީ ރައީސް ނަޝީދުގެ ފެކްޝަނުގެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އަލީ އާޒިމަކީ ވެސް ރައީސް ސޯލިހްގެ ފެކްޝަނުގެ މެމްބަރެއް ކަމެވެ. އެ ވާހަކަތަކަށް ބާރުލިިދޭ ގޮތައް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އެ ގުރޫޕްގައި ވާހަކަ ދެއްކެވި އެވެ. އެގޮތުން ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރޝިޕް މި ވަގުތު ގެއްލިފައިވާ ކަމަށާއި އަލީ އާޒިމަކީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް މެމްބަރުން ވިދާޅުވި އެވެ. އަދި ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރަކީ ދޮންބިލެތް ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މުހާތަބުކޮށް ވާހަކަވެސް ދެއްކެވި އެވެ.

"އަލީ އާޒިމް މިހާރު އެ ހުންނަނީ ފަހަތައް ޖެހިފައި،"

އެމްޑީޕީގެ ފިކުރު ނޫން މީހުން އެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިފައި ތިބުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ހަލީމް ސިފަ ކުރައްވާ އޭގެ އެއް މިސާލެއް ގޮތައް ނެންގެވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

"އެނާ (ރޮޒައިނާ) އެ ގެންދަނީ އަޅުގަނޑުމެންކުރާ ކޮންމެ ކަމަކާ ދެކޮޅު ހަދަމުން،" ހަލީމް އާއްމު މެމްބަރަކަށް ދިން ޖަވާބެއްގައި ވިދާޅުވި އެވެ.

މެމްބަރުން މަދު ނަމަވެސް ސަރުކާރާ ދެކޮޅަށް ކުރެވެން ހުރި މަސައްކަތް ރައީސް ނަޝީދުގެ ފެކްޝަނުން ކުރަން މަސައްކަތް ކުރާކަންވެސް މެމްބަރުންނަށް ވިސްނަދޭން ހަލީމް މަސައްކަތްކުރެއްވި އެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވަނީ ކަން އޭނާގެ ވާހަކައިން ސާފުވި އެވެ. އެގޮތުން ޓެކްސް މާފު ކުރުމުގެ އިހްތިޔާރު ރައީސަށް ލިބިދޭ އިސްލާހް މިިދޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ތިބި ރައީސް ނަޝީދުގެ ފެކްޝަނުގެ މެމްބަރުން އެކަންވިޔަ ނުދޭން މަސައްކަތް ކޮށްކޮށް އޮއްވާ ކަމަށް ހަލީމް ވިދާޅުވި އެވެ.

ޕާޓީ ތެރޭގައިވެސް އަނދިރި ދައުލަތް، އަބްދުﷲ ޝާހިދަކީވެސް އެމްޑީޕީ މެމްބަރެއް ނޫން

ހަލީމްގެ ރުޅިވެރިކަން ބައެއް ވަޒީރުންނަށްވެސް އަމާޒުވެގެންދިޔަ އެވެ. އޭގެ ތެރޭގައި ފިނޭސްމިނިސްޓަރު އިބްރާހިމް އަމީރާއި އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ހަލީމް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ހުވަދު އަތޮޅުގެ ރަށްތަކުގެ މީހުނަށް ވަޒީފާތައް ބެހި ގޮތުން އެ އަތޮޅުގެ ރަށްތަކުގައި އެމްޑީޕީ ބައިބައިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިނިސްޓަރު ފައްޔާޒު ބްރޯ ހެދިގެން ނޫޅެން ރައީސް ނަޝީދު ވިދާޅުވީ ކަމެއް ވެގެން ކަމަށްވެސް ވިދާޅުވި އެވެ.

"ޝާހިދަކީ އަޅުގަނޑުމެންގެ މީހެއް ނޫން. މި އެންމެނަކީ ރައީސް ނަޝީދާ ޒާތީ ހަސަދަވެރިކަން އޮތް މީހުން،" ހަލީމް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ތާއިދުކުރާ އެމްޑީޕީގެ އާއްމު ގިނަ މެމްބަރުން ތިބި އެ ގުރޫޕްގައި ހަލީމް ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރޭގައިވެސް "އަނދިރި ދައުލަތެއް" އޮއްކަމަށެވެ. އަނދިރި ދައުލަތަކީ ހަމައެެކަނި އިސްލާމީ ހައްދުފަހަނައަޅާ ގޮސްފައި ތިބޭ މީހުންނަށް ކިޔާ އެއްޗެއް ނޫން ކަމަށާއި އެމީސްމީހުނަށް ވާގިވެރިވާ މީހުންވެސް އޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން ބައެއް މީހުން މި ވަގުތު އެމްޑީޕީ ތެރޭގައިވެސް ތިބި ކަމަށް ވަނީ ވިދާޅުވެފައި އެވެ.

ރައްޔިތުންގެ މަޖިލިސް ކެމްޕެއިންގެ ތެރެއިން އެ ޕާޓީގެ ބައެއް މެމްބަރުންނާއެކު ރައީސް ސޯލިހާއި ރައީސް ނަޝީދު

އެމްޑީޕީ ނޫން މީސްމީހުން އެމްޑީޕީގެ ޓިކެޓްގައި މަގާމުތަކަށް ހޮވިފައި ތިބުމަކީ ބޮޑު މައްސަލައެއްްކަން ތަކުރާރުކޮށް ފާހަގަކޮށް އެއީ ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށްވެސް އޭނާ ގެންދިޔައީ ވިދާޅުވަމުންނެވެ. "ހޫނު ގޮނޑީގައި" އިންނަވައިގެން ހަލީމް ވިދާޅުވީ "އެމްޑީޕީ ނޫން" މީހުުންގެ ތެރެއިން އެމްޑީޕީގައި މި ވަގުތު ތިބި މީހުންގެ ތެރެއިން އެކަކަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

އޭގެ އިތުރުން އެމްޑީޕީ ނޫން މީހުނަށް އެމްޑީޕީގެ ޕޯސްޓްތަކުގައި ސިޔާސީ މަގާމުތައް ދީފައި ހުރި ވާހަކަވެސް ހަލީމް ބޭރުކޮށްލި އެވެ.

"އަޅުގަނޑުމެން ބައެެއް ޑެޕިއުޓީ މިނިސްޓަރުން ކައިިރި ކޮން ޕާޓީއެއްގެ ފަރާތުންތޯ އަހާލީމަ އެ ބުނޭ އެމްޑީޕީއޭ. އެކަމު އަޅުގަނޑުމެން މިއިން ދުވަހަކު އެއިން މީހަކު ނުދެކެން. އަޅުގަނޑުމެން ކައިރި ކިޔައިގެން ވަޒީފާ ނުލިބުނީމާ އެމްއާރުއެމްއަށް ގޮސް ވަޒީފާ ހޯދާފައި އެބަހުރި" ނުފޫޒުން އެމްޑީޕީ ނޫން މީހުނަށް އެެމްޑީޕީގެ ނަމުގައި ވަޒީފާ ދޭ ކަމަށް ކުރާ ތުހްމަތާއެކު އޭނާ ވިދާޅުވި އެެވެ.

ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކައިފި ނަމަ ޕްރޮޖެކްޓްތައް ހުއްޓާލާފާނެ ކަމުގެ ބިރު އެބަ އޮތް

ހަލީމްގެ ވާހަކައިގައި ސަރުކާރާ ދެކޮޅަށް ބަސްބުނެ ހަދަން ބޭނުންވިއަސް އެކަން ކުރުމަށް އޮތް އެއް ހުރަހަކަކީ ސަރުކާރުން އެ މެމްބަރުންގެ ދާއިރާތަކުގައި ހިންގާ ޕްރޮޖެކްޓްތައް ހުއްޓުވާލާފާނެ ކަމުގެ ބިރު އޮތުމެވެ. އޭނާ ވިދާޅުވި ގޮތުން އެގޮތައް ކަންތައްކޮށްފައިވެސް އެބަ ހުއްޓެވެ.

ރައީސް ނަޝީދު އަދި ރައީސް ސޯލިހް– ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދޮންބިލެތް ވިދާޅުވި ގޮތުން އޭނާއާ ރައީސް ސޯލިހާ ފުރަތަމަ ބައްދަލުވީވެސް ވެރިކަމަށް ވަޑައިގެންތާ ހަ މަސްފަހުންނެވެ. އޭގެ ކުރިން ދަނގެތިދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރައީސް ސޯލިހް ބައްދަލު ކުރެއްވި އެވެ.

މި ނޫނަސް އެތައް ވާހަކައެއް ދެއްކުމަށްފަހު ތަކުރާރުކޮށް ޔަގީން ދެއްވަމުން ގެންދެވީ ރައީސް ނަޝީދާއެކު އޭނާ ހުންނެވިކަމުގެ ޔަގީންކަމެވެ. އެހެން ނަމަވެސް ސަރުކާރާ ދެކޮޅަށް ފާޅުގައި އުޅެން ފަށައިފި ނަމަ އެ ބޭފުޅުންގެ ރަށްރަށުގައި ހިންގަން ފަށާފައިހުރި ޕްރޮޖެކްޓްތައް ހުއްޓިދާނެ ކަމުގެ ބިރު އޮތް ކަމަށް ހަލީމް ފާހަގަކުރެއްވި އެވެ. އެގޮތައް މި ސަރުކާރުން ކަންކޮށްފައި އެބަ ހުރި ކަމަށް ވިދާޅުވެ ސަރުކާރާ ފާޅުގައި އުޅެން އުނދަގޫވާ ސަބަބު ވިސްނަދޭން ވެސް އޭނާ ވަނީ މަސައްކަތްކުރައްވާފައި އެވެ. ދޮންބިލެތްގެ މި ވާހަކަތަކުން އެމްޑީޕީ ތެރޭގައި ހުޅުގަނޑު އަނދަމުންދާ ވަރު މެމްބަރުންނަށްވެސް މި ވަނީ ސިފައިވެފައި އެވެ.