Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދައަށް ކަމާލުއްދީން އެދިވަޑައިގެންފި

އަބްދުالله ކަމާލުއްދީން-- ފޮޓޯ: އަވަސް

ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އަބްދުالله ކަމާލުއްދީން އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފިއެވެ.

ރައީސް މައުމޫންގެ އެމްއާރްއެމްގައި ހުންނެވުމަށްފަހު އެ ޕާޓީން ނުހަނުފަހުން ވަކިވެވަޑައިގެންނެވި އަބްދުالله ކަމާލުއްދީން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޤައުމީ ކަންކަމާއި ހިޔާލު އޮތްގޮތްވާ ބޭފުޅުންތަކަކާއެކު ސިޔާސީ ޕާޓީއެއް ހެދުމުގެ ވިސްނުން ގެންގުޅެމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެކަމަށެވެ.

"ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ"ގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީ ކުރުމާ ގުޅޭގޮތުން ކަމާޅުއްދީން ވިދާޅުވީ، ޤައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރެވެން އޮތީ ޕާޓީ ނިޒާމުގެ ތެރެއިން ކަމަށްފެންނާތީ ޕާޓީއެއް އުފެއްދެވުމަށް ނިންމެވީ ކަމަށެވެ. އަދި މިކަމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އިތުރު ބޭބޭފުޅުންވެސް އުޅުއްވާކަމަށް ވިދާޅުވިއެވެ.

އެގޮތުން އާ ސިޔާސީ ފަލްސަފާއެއްގެ ތެރެއިން ގައުމުގެ ސިޔާދަތު ދަމަހައްޓައި ރައްޔިތުން ފަރުދީ ގޮތުން ބާރުވެރިކޮށް އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކަމާލުއްދީން ނޫސްބަޔާނެއް ނެރުއްވާފައިވާއިރު، ވިދާޅުވެފައިވަނީ، ޕާޓީހެދުމުގެ ހުއްދަ އިލެކްޝަންސްއިން ދެއްވުމުން މިކަމާ ގުޅޭ އިތުރު މައުލޫމާތުތައް ހިއްސާކުރައްވާނެކަމަށެވެ.