Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ރައީސް އަށް ރިޕޯޓް އަރުވައިފި، ކަންކަން އިސްލާހު ކުރައްވާނެކަމަށް ވިދާޅުވި

ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ރިޕޯޓް ރައީސް ސޯލިހަށް އެރުވީ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

ރިޕޯޓާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ސޯލިހް އިވަނީ، މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވެފައިވަނީ، މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިޞްލާހުކުރަން ހުރި ކަންކަން އިޞްލާހު ކުރައްވާނެ ކަމަށެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލު ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

46 ރެކޮމެންޑޭޝަނާއި އެކު ފާސްކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި ހުރި ޤައުމީ ސަލާމަތާއި ގުޅުންހުރި ބައިތައް ސިއްރުކުރުމަށްފަހު އެ ރިޕޯޓް އާންމުކޮށްފައިވާއިރު، މުޅި ރިޕޯޓް ހިއްސާ ކުރާގޮތަށް ހަމަޖެހިފައިވަނީ ތިން ބާރުގެ ވެރިންނަށެވެ. މި ރިޕޯޓް ފާސްކޮށްފައިވަނީ ބްރާސްފަތި ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައެވެ.