Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ރައީސް ނަޝީދު، ރައީސް ސޯލިހަށް: "މައްސަލަ އަވަަހަށް ބައްލަވާ ފިޔަވަޅުތައް އަވަހަށް އަޅުއްވާ"

އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ މައްސަލަ އަވަހަށް ބައްލަވާ އަޅުއްވާންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުއްވުމަށް ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓް ރައީސް ނަޝީދަށް އަރުވާފައިވާއިރު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ކޮމިޓީގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ނަޝިދު ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީއަކީ މުހިންމު ބާރުތަކެއް ލިބިގެންވާ މުހިންމު ކޮމިޓީއެއް ކަމަށާއި، އެ ކޮމިޓީން ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ޖެހޭކަމަށެވެ.

ކޮމިޓީގެ މަސައްކަތްތައް ފެށިއިރު، ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ މުޅި މުއައްސަސާތޯ ނުވަތަ ވަކިވަކި ސިފައިންތޯ ސުވާލުތަކެއް އުފެދުނު ކަމަށާއި، އެހެންނަމަވެސް ކޮމިޓީއިން ބައްދަލުކުރަން ބޭނުންވާ އަދި ސުވާލު ކުރަން ބޭނުންވާ ވަކިވަކި ފަރާތްތަކާ ސުވާލު ކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި އުއްތަމަފަނޑިޔާރުވެސް މި ރިޕޯޓް ބައްލަވާ ރިޕޯޓާއި ގުޅިގެން އަޅުއްވަންޖެހޭ އަވަސް ފިޔަވަޅުތައް އަޅުއްވާނެކަން ޔަގީންކުރައްވާކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވަނީ ބޮޑު މައްސަލައެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވި އެއީ އެއްވެސް ގޮތަކަށް އެމަނިކުފާނުގެ ޒާތާ ގުޅޭ މައްސަލައެއް ނޫންކަމަށެވެ. އެމަނިކުފާނު މަރާލުމަށް ބަޔަކު ރާވާ އެ ރޭވުން ކާމިޔާބުގެ ތުންފަތްމައްޗާ ހަމައަށް އެމީހުން ގެނައި ކަމަށާއި، އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

"އަޅުގަނޑުމެން ލަސްކޮށްފި މީގެން ދިވެހި ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު. ހާއްސަ ގޮތެއްގައި ދިވެހިރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ގެއްލުން ވަރަށް ބޮޑު." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މައްސަލަ އަވަހަށް ބައްލަވައިދިނުމަށް ރައީސް ސޯލިހްގެ އަރިހުން ވަރަށް އަދަބުވެރިކަމާ އެކު އެދޭކަމަށެވެ. އަދި މައްސަލަބެލުމުގައި ރައީސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަން އެނގޭ ކަމަށާއި، އެކަމާމެދު ޝައްކެއްނެތްކަމަށް ވިދާޅުވިއެެވެ. އެހެންކަމުން ބައްލަވަންޖެހޭ ކަންކަން އަވަހަށް ބައްލަވާ އަޅުއްވަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ހިނގަމުންދާކަންކަން، އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތަކުގެ ގޮތުގައި އޭގެތެރެއިން ބައެއް ކަންކަން މި ރިޕޯޓުން އެބަ ފާހަގަވޭ. އެކަންކަން އަޅުގަނޑުމެން އަވަހަށް ރަނގަޅު ކުރާން ޖެހޭނެ. ރިޕޯޓްގެ ރެކޮމެންޑޭޝަންސް އަރުވާފައިވާ އިރުޝާދާއި ލަފާ ރައީސުލްޖުމްހުރިއްޔާ ހެޔޮ ގޮތުގައި ބަލައިގަނެ އެ މައްޗަށް އަވަހަށް އަމަލުކުރެއްވުމަކީ ރާއްޖޭގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުންތެރި ކަންތައް." ރައީސް ނަޝިދު ވިދާޅުވިއެވެ.

އިންކުއަރީގެ ރިޕޯޓް މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އަރުވާފައެވެ.

46 ރެކޮމެންޑޭޝަނާއި އެކު ފާސްކޮށްފައިވާ އިންކުއަރީ ރިޕޯޓުގައި ހުރި ޤައުމީ ސަލާމަތާއި ގުޅުންހުރި ބައިތައް ސިއްރުކުރުމަށްފަހު އެ ރިޕޯޓް އާންމުކޮށްފައިވާއިރު، މުޅި ރިޕޯޓް ހިއްސާ ކުރާގޮތަށް ހަމަޖެހިފައިވަނީ ތިން ބާރުގެ ވެރިންނަށެވެ. މި ރިޕޯޓް ފާސްކޮށްފައިވަނީ ބްރާސްފަތި ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައެވެ.