Last Updated: April 25, 09:40
Thursday, April 25, 2024
ކުޅިވަރު

އިޓަލީން ޔޫރޯގެ ޗެމްޕިއަންކަން ހޯދައިފި

ޕެނަލްޓީގައި 3-2 އިން އިންގްލޭންޑް ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދައިފިއެވެ.

މިއީ 1968 ވަނަ އަހަރަށްފަހު އިޓަލީން ޔޫރޯ ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި އިންގްލޭންޑުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ޓްރިޕިއާ ހުރަސްކޮށްލި ބޯޅައަކުން މި ގޯލު އިންގްލޭންޑް ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޝޯ އެވެ. މި ގޯލަށްފަހު އިންގްލޭންޑުން މުޅިން ވެސް ކުޅެފައިވަނީ ޑިފެންސަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިޓަލީ އަށް ފުރުސަތުތައް ތަނަވަސްކުރަން އުނދަގޫވިއިރު، ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 35 ވަނަ މިނެޓްގައި އިޓަލީގެ ކިއޭސާ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

އިންގްލޭންޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ވެސް އިޓަލީން ދިޔައީ ހުއްޓުމެއް ނެތި އިންގްލޭންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓްގައި ލިއަނާޑޯ ބޮނޫޗީ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގޯލަށްފަހު ވެސް އިޓަލީން ރަނގަޅަށް ކުޅުނު ނަމަވެސް 90 މިނެޓް ހަމަވުމުގެ ކުރިން އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެއާއެކު ދެން ކުޅެފައިވަނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެ ދެ ހާފްގައި ވެސް ދެ ޓީމުން ކުރެ ޓީމަކަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

އެ ދެ ހާފަށްފަހު ނަތީޖާ ނެރުމަށް ދެން ޖެހީ ޕެނަލްޓީއެވެ. އެގޮތުން ފުރަތަމަ ޕެނަލްޓީ ޖަހާފައިވަނީ އިޓަލީގެ ބެރާޑީ ކަމަށްވާއިރު އޭނާ ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އިންގްލޭންޑުގެ ފުރަތަމަ ޕެނަލްޓީ ހެރީ ކޭން ކާމިޔާބުކުރިއިރު އިޓަލީގެ ދެވަނަ ޕެނަލްޓީ ބެލޮއްޓީ ފޮނުވާލުމުން ދިފާއުކުރީ އިންގްލޭންޑްގެ ކީޕަރު ޕިކްފޯޑް އެވެ. އިންގްލޭންޑްގެ ދެވަނަ ޕެނަލްޓީ ހެރީ މެގުއާ ކާމިޔާބު ކުރިއިރު އިޓަލީގެ ތިންވަނަ ޕެނަލްޓީ ބޮނޫޗީ ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ރަޝްފޯޑް ފޮނުވާލި އިންގްލޭންޑްގެ ތިންވަނަ ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އަދި ބާނަޑެސްކީ އިޓަލީގެ ހަތަރުވަނަ ޕެނަލްޓީ ކާމިޔާބުކުރިއިރު ސަންޗޯ ފޮނުވާލި އިންގްލޭންޑްގެ ހަތަރުވަނަ ޕެނަލްޓީ ދިފާއުކުރީ އިޓަލީގެ ކީޕަރު ޑޮނަރުއްމާ އެވެ. އެއާއެކު މެޗުން މޮޅުވާން އިޓަލީގެ ޖޯޖީނިއޯ އަށް ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ އިންގްލޭންޑްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ޖޯޖީނިއޯ އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް ސަކާ ފޮނުވާލި އިންގްލޭންޑްގެ ފަސްވަނަ ޕެނަލްޓީ ޑޮނަރުއްމާ ދިފާއުކުރުމުން އިޓަލީ އަށް ވަނީ ޗެމްޕިއަންކަން ލިބިފައެވެ.