Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އޭއީއެޗްގެ ވަށައިގެން ހުރި ގޯތި ނަގަން ކައުންސިލުން ފާސްކޮށްފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ވަށައިގެން ދޫކޮށްފައި ހުރި ގޯތިތައް ކައުންސިލަށް ނެގުމަށް ފާސްކޮށްފިއެވެ.

ލައިވް ނުކޮށް ސިއްރުން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ކައުންސިލުން ނިންމީ އޭއީއެޗްގެ ވަށައިގެން މިހާރު ދޫކޮށްފައިވާ ގޯތިތައް ކައުންސިލަށް ނެގުމަށެވެ. އެކަމަށް ކައުންސިލުން ދެކޮޅު ހެދީ ހުޅުދޫ ދާއިރާގެ ކައުންސިލަރުއެވެ. މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ވަނީ ވޯޓުގައި ބައިވެރި ނުވެފައެވެ.

އިއްޔެގެ ކުއްލި ބައްދަލުވުން ފޭސްބުކުން ލައިވް ކުރުމަށް ހުށަހެޅުމުން ގިނަ މެމްބަރުން ވަނީ ޖަލްސާ ލައިވް ކުރުމަށް ދެކޮޅު ހަދާފައެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލްސާ ލައިވް ކުރުމަށް ތާއިދު ކުރީ 3 ކައުންސިލަރުންނެވެ. ބާކީ ކައުންސިލަރުންވަނީ ޖަލްސާ ލައިވް ކުރުމަށް ދެކޮޅު ހަދާފައެވެ.

އޭއީއެޗްގެ ވަށައިގެން ހުރި ގޯތިތައް ނެގުމަށް ނިންމީ އެބިންތައް ކުއްޔަށް ދޫކޮށް ކައުންސިލަށް އާމްދަނީ ހޯދުމަށެވެ. އެގޮތުން އެ ސަރަހައްދުން 44 ގޯތި ނެގުމަށް ވަނީ ނިންމާފައެވެ.

ކައުންސިލަށް ގޯތި ތައް ނެގުމަށް ފާސް ކުރި އިރު އެސަރަހައްދުގެ ބައެއް ގޯތި ތަކުގައި މީހުން ދިރިއުޅެން ވަނީ ފަށާފައެވެ.

އައްޑޫ ކައުންސިލުން އިއްޔެ ނިންމި ނިންމުންވެސް އަދި އާއްމެއް ނުކުރެއެވެ.

އައްޑޫ ކައުންސިލުގެ ނިންމުންތައް އެންމެ ފަހުން އާއްމުކޮށްފައިވަނީ ޖޫން 3 ވަނަ ދުވަހުއެވެ.