ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަން ތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ އިއްޔަ ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ތިން ދުވަސް ކުރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ، އެއަރޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިފައިވާ މައްސަލައެއް ޖުލައި 10 ވަނަ ދުވަހުގެ ހެނދުނު 09:52 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
ވަޒަންތައް ފެނިފައިވަނީ ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ނަމިބިއާ ގެ ފަތުރުވެރިއެއްގެ އަތުން ކަމަށާއި، އެމީހާއަކީ 60 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.