Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ގަން އެއާޕޯޓުވާނީ ސަރަހައްދުގެ ރީޖަނަލް ހަބަކަށް: އިންޑިއާ

ގަން އެއާޕޯޓުގައި ޖެޓުތަކެއް ޖައްސާފައި، ގަން އެއާޕޯޓު ތަރައްޤީ ކުރުމަށް އިންޑިއާ ސަރުކާރުން 17 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ހަމަޖައްސާފައި، ފޮޓޯ: އޭއައިއޭ

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރެވުމާއި އެކު އެއާޕޯޓު ވެގެންދާނީ ސަރަހައްދުގެ ފާހަގަކޮށްލެވޭ ރީޖަނަލް ހަބަކަށް ކަމަށް އިންޑިޔާ އިން ބުނެފިއެވެ.

ދިވެހި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އިން ބުނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ގަން އެއާޕޯޓު ތަރައްޤީ ކުރުމަށް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިއާގެ އެހީގައި ގަން އެއާޕޯޓު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއަށް ބަލާއިރު އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް އަޕްގްރޭޑު ކުރުމުގެ އިތުރުން އާ ޑޮމެސްޓިކް ޓާމިނަލްއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގަމުގެ މަގު ހެދުމުގެ އިތުރުން އާޓަވަރެއް ހެދުމުގެ އިތުރުން ފަޔާ ސްޓޭޝަން ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއިން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓު ލައިންގެ ތެރެއިން ގަން އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.

އައްޑޫގެ ތަރައްޤީއަށް އިންޑިއާއިން މާލީ ބޮޑެތި އެހީތަކެއް ދިނުމަށް ނިންމާފައިވާ އިރު އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ހެދުމަށް އެގައުމުން ވަނީ ނިންމާފައެވެ. އިންޑިއާއިން ބުނީ ކޮންސުލޭޓުގެ ސަބަބުން ދެކުނުގެ ރައްޔިތުންނަށް ފައިދާ ލިބިގެންދާނެކަމަށެވެ.

ގަން އެއާޕޯޓު ތަރައްޤީ ކުރުމަށް އިންޑިއާއިން އެހީ ދޭއިރު އިންޑިއާ އިން ސީދާ ގަމަށް ދަތުރު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްބަސީން މީގެ ކުރިން ވަނީ ބުނެފައެވެ.