Last Updated: April 24, 09:46
Wednesday, April 24, 2024
ޚަބަރު އެމްޑީޕީ

ޕްރައިމަރީއަކާ ނުލައި ރައީސް ސޯލިހަށް ޓިކެޓް ލިބެންޖެހޭ: ސަނީފް

މެމްބަރު އަބްދުﷲ ސަނީފް--

ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިމަތިލައްވާނަމަ އެމްޑީޕީ އެތެރޭގެ ޕްރައިމަރީއަކާ ނުލާ ރިޔާސީ ޓިކެޓް ލިބެންޖެހޭނެކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް މިފަދައިން ވިދާޅުވެފައިވަނީ އަވަސް އޮންލައިންގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ސަނީފް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ގަވާއިދު ބުނާ ގޮތުން ނަމަ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބެން ޖެހޭކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަކުން މީގެކުރިން ނިންމާފައިވާ އޮތް ނިންމުމަކާ ހަވާލާ ދެއްވާ ސަނީފް ވިދާޅުވީ، އަސާސީ ގަވައިދު ބުނާގޮތުން އެއިރެއްގައި ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީގެ އެންމެ އިސް ފަރާތްތަކަށް ވާނެކަމަށާއި، މިވަގުތު ޕާޓީގެ އެންމެ އިސް ފަރާތަކީ ރައިސް ސޯލިހް ކަމަށެވެ.

އެހެންކަމުން ޕްރިމަރީއަކާ ނުލާ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބެންޖެހޭނެކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފް މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން 2023 ގައި ރާއްޖޭގައި އިންތިހާބެއް އޮންނަ ނަމަ އެމަނިކުފާނު އެމްޑީޕީގެ ކެންޑިޑޭޓަށް ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

"2023 ގައި ރިޔާސީ އިންތިހާބެއް އޮންނަ ނަމަ އަޅުގަނޑު ދެކެނީ، އަޅުގަނޑު ވާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓަށް" ނަޝީދު ވިދާޅުވިއެވެ.

އަދި އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ރައީސް ސޯލިހު އެމަނިކުފާނުގެ އަރިހުގައި ވިދާޅުނުވާ ކަމަށާއި އެމަނިކުފާނު އެކަމަށް ޝައުގުވެރިވާ ވާހަކަ ތަކުރާރުކޮށް ދަންނަވަމުން ގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެމަނިކުފާނު ވަނީ އެންމެ ފުރަތަމަ ބޭނުންވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުން މުހިއްމު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިހާބެއް 2023 ގައި އޮންނާނެ ކަމަށް ދެކެވަޑައިނުގަންނާ ކަމަށާއި އެގޮތުން އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.