Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

ހާއްސަ މަންދޫބުގެ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ރައީސްއާ ހިއްސާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުގީގު ގާތުން ބެލުމަށް ރައީސް އައްޔަނު ކުރައްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި އެމަނިކުފާނުގެ މަސަކަތްތަކުގެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި އައްބާސް ފާއިޒް ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މި ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރައްވާފައި މުހިންމު މަސައްކަތްތަކާ އަދި ކުރިޔަށް މަސައްކަތްތައް ރާވާލައްވާފައިވާ ގޮތުގެ މައުލޫމާތުތައް ރައީސްއާ ހިއްސާކުރައްވާފައާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މޭ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ މިސްޓަރ އައްބާސް ފާއިޒް ހަމަޖައްސަވާފައި ވަނީ މެއި 19 ވަނަ ދުވަހުގައެވެ.

ހަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، މި މައްސަލައިގައި އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އެބޭފުޅާ ތައްޔާރުކުރައްވާނެއެވެ.