މިހާރު ހުއްޓިފައިވާ ގަން އެއާޕޯޓް މަޝްރޫއު އަންނަ ހޯމަ ދުވަހު އަލުން ފެށޭނެކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިއްސާވާ އެސްޓިއޯއިން ބުނެފިއެވެ.
އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ހޯމަ ދުވަހު ފެށިގެން ނުހުއްޓި ކުރިއަށްދާނެކަމަށެވެ. އެއާޕޯޓުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަލުން ފަށާއިރު، އެޕްރޮޖެކްޓަށް ހާއްސަ ބަޔަކު ހަމަޖައްސާ އެކަން މެނޭޖްކުރެވޭނެ ގޮތްތަކެއް މިހާރު ހަމަޖައްސަމުން ގެންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ޕްރޮޖެކްޓް ދޭތެރެ ދޭތެރެއިން ހުއްޓެން ޖެހެނީ މަސައްކަތް ފެށި އިރު މިކަމަށް ބޭނުންވާ ފައިސާ ނުހޯދައި މަސައްކަތް ފެށުމުންނެވެ.
ނޮވެމްބަރުޔ މަހުގެ މެދުތެރޭ ހިއްކުމުގެ މަސައްކަތް ތިން ހަފްތާއެއް ދުވަހަށް މެދުކެނޑުމަށް ފަހު އަލުން މަސައްކަތް ފަށާފައިވަނީ މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މަސައްކަތަށް ބޭނުންވާ ފައިސާ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ސަރުކާރުން ހަމަޖައްސާނެ ކަމަށް ބުނެގެންނެވެ. ނަމަވެސް ފައިސާ ހަމަނުޖެހުމުން ޑިސެމްބަރ 10 ވަނަ ދުވަހު މަސައްކަތް ވަނީ ދެވަނަ ފަހަރަށް ހުއްޓާލާފައެވެ.
ގަމުގެ ރަންވޭ ދިގުކުރުމަށް ބިން ހިއްކުމާއި ގުޅިގެން ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ކިސަޑުވެފައެވެ. އަދި އެހިސާބުގަނޑުގެ އެތެރެވަރީގެ ބޮޑު ބަޔަކަށް ވަނީ ކިސަޑުގެ އަސަރުކޮށްފައެވެ.