Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ހަތުރުން މިތުރުންނަށް ބަދަލުވާ ސީޒަން އަތުވެއްޖެ: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އަދި މިހާރު ޑީއެންއޭގެ އުފެއްދުމުގެ އިސް ދައުރެއް އަދާ ކުރައްވާ އުމަރު ނަސީރު، ފޮޓޯ: އަވަސް

ހަތުރުން މިތުރުންނަށް ބަދަލުވާ ސީޒަން އައިސްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ދެން ނެތް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްގެ އެހީއަށް އެދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އުމަރު ވިދާޅުވީ މިތުރުން ހަތުރުންނަށް ބަދަލުވެ، ހަތުރުން މިތުރުންނަށް ބަދަލުވާ ސީޒަން އައިސްފައިވާ ކަމަށެވެ.

"މިތުރުން ހަތުރުންނަށް ބަދަލުވެ، ހަތުރުން މިތުރުންނަށް ބަދަލުވާ ސީޒަން އައީ" އުމަރު ވިދާޅުވިއެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ތިބޭ "ޖަޒީރާ" ވަޓްސް އެޕް ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި މައްސަލައެއް ޖެހިގެން ނޫޅުއްވާ ކަމަށާއި އަދި ނުވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނާއި މިހާރު ފިކުރީ ގޮތުން ހިޔާލުތަފާތު ކަމަށާއި، ޒާތީ ކަންކަމުގައި އަބަދުވެސް ރައީސް ސޯލިހާއެކު އުޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ. އެކަމަކު ދެން ރައީސުލްޖުމްހޫރިއްޔާ އާއި އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ނަޝީދު ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ބައެއް މީހުން ހިތްހަމަނުޖެހުނަސް ކުރާނެ ކަމެއް ނެތް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ އެ ފަރާތްތަކުގެ އެހީއަށް އެދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކަމަށްވާއިރު އެކަމާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަންނަނީ ދެކޮޅު ހަދަމުންނެވެ.