އައްޑޫ ސިޓީ ކައުންސިލުން، އުފެއްދި އަވަށު ބޯޑުތަކަށް ރައީސުންނާއި ނައިބުން ހަމަޖައްސާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ހިތަދޫ ނޫރުވާދީ އިބްރާހިމް ރަޝީދު ހުށަހެޅި މައްސަލާގައި ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމަށް ކައުންސިލުން ހައިކޯޓުގައި އެދުނު އެދުން އަންނަ ޖެނުއަރީ 22 ވަނަ ދުވަހަށް ޝެޑިއުލްކޮށްފި އެވެ.
ހިތަދޫ މެދު ދާއިރާގެ ކައުންސިލަށް މިހާރު ވާދަކުރާ އިބްރާހީމް ރަޝީދު ވަޖުދީ ނޮވެމްބަރު 14، 2012 ގައި ހުށަހެޅި މައްސަލަ އާ ގުޅިގެން ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އަވަށު ބޯޑުތައް އުފައްދާފައި ވަނީ "ލާމަރުކަޒީ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) އާއި ރަށްރަށުގެ އަވަށު ބޯޑު އުފައްދައި ވަގުތީ ރައީސުންނާއި ނާއިބު ރައީސުން ހަމަޖައްސާފައި ގާނޫނު ނަންބަރު 2010/7 ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެމަގާމުތައް އުވާލުމަށް ކޯޓުން ހުކުމް ކުރާ ކަމަށެވެ.
މި މައްސަލަ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައިވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީން ބަހެއް ހޯދުމެއް ނެތިކަމަށާއި އެލްޖީއޭއިން ނިންމާފައިވާ ނިންމުން ބެލުމެއް ނެތި ކަމަށެވެ.
ޖޫން 4 ވަނަ ދުވަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަވަށު ބޯޑު މައްސަލާގައި ހުކުމް ކުރިއިރު މި މައްސަަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އެއީ ގާނޫނާ ހިލާފަށް އައްޑު ސިޓީ ކައުންސިލުން ނިންމި ނިންމުމެއް ކަމަށް ބުނެ، ކައުންސިލަރުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފަ އެވެ.
އަވަޑު ބޯޑްތަކަށް ރައީސުންނާއި ނައިބު ރައީސުން އައްޔަން ކުރި މައްސަލަ ތަހުގީގުކޮށް އޭސީސީން މާޗް މަހު ކައުންސިލަށް ފޮނުވި ރިޕޯޓްގައި ބުނެފައި ވަނީ ކައުންސިލަރުންގެ އެ އަމަލުގެ ސަބަބުން ދައުލަތަށް 2،197،714.01ރ. މިލިއަން ގެއްލުން ވެފައިވާ ކަމަށެވެ.
އަދި އަވަށު ބޯޑްތަކަށް ރައީސުންނާއި ނައިބު ރައީސުންގެ ގޮތުގައި ބަޔަކު ހަމަޖައްސާފައި ވަނީ "ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު"ން ސިޓީ ކައުންސިލަށް ދީފައި ނުވާ ބާރެއްގެ ބޭނުންކޮށްގެން އެ ގާނޫނާ ހިލާފަށް ކަމަށެވެ.
އޭސީސީން ނެރުނު ރިޕޯޓްގައި އަދި ބުނެފައި ވަނީ ވަޒީފާތަކަށް ގާނޫނާ ހިލާފަށް އައްޔަންކޮށްފައިވާ މީހުން އެ ވަޒީފާތަކުން ވަކި ކުރުމަށް އޭސީސީން ކައުންސިލަށް އެޕްރީލް 10، 2012 ގައި ސިޓީއަކުން އެންގުމުން އެއާ އެއްގޮތަށް ވެސް ކައުންސިލުން އަމަލުކޮށްފައިނުވާ ކަމަށެވެ.
ކައުންސިލްގެ މައްޗަށް އެސީސީ އާއި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައިވާ އިރު އަވަށު ބޯޑުގެ ހުޅުމީދޫ ނައިބް ރައިސް ކަން ކުރި އަލީ މުހައްމަދު އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބްގައި ހުޅުމީދޫން ވާދަކުރާނެއެވެ.
އަދި ހިތަދޫ އަވަށު ބޯޑުގެ ރައިސް އިބްރާހިމް ޝިނާޒު މޫސާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވާދަކުރުމަށް ކެމްޕެއިން ކުރަމުން އެބަގެންދެއެވެ.