Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު ހުޅުމީދޫ

ހުޅުދޫ "ހަސަން ބެއްޔާރަށް"ސަރަހައްދު ހިއްކާލަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ

ހަސަން ބެއްޔާ ސަރަހައްަދަު:- -މި ސަރަހައްދަށް ފަސް އަޅަން ބައެއް މީހުން ބޭނުންވޭ

ގުދުރަތީ ރީތި ތަނެއް ގޮތުގައި މީގެ ކުރިން ފާހަގަ ކުރެވިފައި އޮތް އައްޑޫ ސިޓީ ހުޅުދޫގެ "ހަސަންބެއްޔާރަށް" ސަހަރައްހަދަށް ފަސްއަޅާ ހިއްކާލަން ސަރުކާރަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ހުޅުދޫގެ އާއްމުންގެ ބަޔަކު ހަދާ މި ޕެޓިޝަނުގައި ބުނެފައިވަނީ އެ ސަރަހައްދު ފަސްއަޅަަން އެދި ސަރުކާރަށް ޕެޓިޝަނެއް ހުށަައަޅަން ނިންމީ ރަށުގެ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ ލަފާގެ މަތިން ކަމަށެވެ.

މީގެ ކުރިން ގުދުރަތީ ދިރުންތަކާއެކު ހިތްގައިމު ކަމެއް އެ ސަރަހައްދުން ފެނުން ނަމަވެސް ތިމާވެއްޓަށް އައި ބަދަލުތަކާއެކު މިހާރު އެ ސަރަހައްދުގެ ރީތިކަން ދަނީ ގެއްލެމުނެވެ. ހުޅުދޫ ހުޅަނގު ފަރާތުގައި އޮންނަ މި ސަރަހައްދުގައި ކަނޑުލާއި ރަނޑޫ ހެދިފައި އޮވެ އެވެ. އެހެން ނަމަވެސް އެ ސަރައްދުގެ މާ ހައުލަށް މިހާރު ބޮޑު ބަދަލެއް އައިސް ވަނީ ހުޅުދޫގައި ހިންގާފައިވާ ސިނާއީ އަދި އިޖްތިމާއީ މަސައްކަތްތަކުގެ ސަބަބުން ކަމަށް މި ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

"އެގޮތުން އެތަނުގެ ފެން ދައުރުވުން ހުއްޓި، އިހު އެތަނުގައި އޮތް ރީތިކަމާއި ދިރުންތައް ނެތި ގޮސްފައިވާއިރު މުޅު ސަރަހައްދަށް ކުނި ޖަމާވެ، ނުބައިވަސް ދުވުމުގެ އުނދަގޫ އެ ސަހައްދުގައި އާބާދުުވެ ދިރިއުޅެމުންދާ ރައްޔިތުންނަށް ކުރަމުންދެ އެވެ. އަދި އިތުރުން ދިޔަވަރު ބޮޑުވެ އުދަ އަރާ ދުވަސްވަރު އެ ސަރައްދުގެ ލޮނުގަނޑުބޮޑުވެ އެ ސަރައްދުގެ ގެތަކަށް ލޮނުވަދެ މާލީ ބޮޑެތި ގެއްލުންތައްވެސް ދަނީ ވަމުންނެވެ.،" އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

ހަސަން ބެއްޔާ ސަރަހައްަދަށް ސިޓޫީ ކައުންސިލް މެމްބަރުން ވަޑައިގެން ބައްލަވާލައްވަނީ:-މި ސަރަހައްދަށް ފަސް އަޅަން ބައެއް މީހުން ބޭނުންވޭ

މިހާތަނަށް މި ޕެޓިޝަނުގައި ހުޅުދޫ އިން ގިނަ ބަޔަކު ސޮއިކޮށްފައިވެ އެވެ. އަދި މިހާރުވެސް ގެންދަނީ އެ ޕެޓިޝަނަށް ސޮއި ހޯދަމުންނެވެ.

"އެތަން މިހާރު އޮތް ގޮތަށް ބޭއްވުމަކުން ރައްޔިތަކަށް ލިބޭނެ މާބޮޑު ކުރިއެރުމެއް އަދި ފައިދާއެއް ނެތްހިނދު ، އެތަން ހިއްކާ ބެރުމުން ބިމުގެ ގޮތުން ރަށަށް ލިބޭނެ ކުރިއެރުމާއި އެހެނިހެން ފައިދާ މާބޮޑުވެ، މިހާރު އެ ސަރައްދުގައި އުޅެމުންދާ ރައްޔިތުންނަށް މިހާރު އެތަން އޮތް ގޮތުން ލިބޭ ގެއްލުން ކުޑަ ކަމަށް ފެންނާތީ އެވެ." އެ ސަރަހައްދު ފަސްއަޅާ ފޮރުވަން ޖެހޭ ސަބަބެއް ކަމަށް ބުނެފައިވެ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާމް ހުޅުދޫއަށް މި މަހު ވަޑައިގެންނެވުމުން ވެސް އެ ސަރައްދުގައި ދިރިއުޅޭ މީހުން ވަނީ އެތަނަށް ފަސްއަޅާ ހިއްކާ ދިނުމަށް މޭޔަރުގެ ކިބައިންވެސް އެދިފައި އެެވެ.

ހަސަން ބެއްޔާ ސަރަހައްަދަށް ސިޓޫީ ކައުންސިލް މެމްބަރުން ވަޑައިގެން ބައްލަވާލައްވަނީ:-މި ސަރަހައްދަށް ފަސް އަޅަން ބައެއް މީހުން ބޭނުންވޭ

އެސަރައްދުގައި ދިރިއުޅޭ މީހުން ބުނީ އެ ގެތަކުގައި ވަޅުން ފެން ބޭނުން ކުރެވޭ ވަރަށް ވުރެ ފެނުގެ ވަސް ނުބައިވެފައިވާ ކަމަށެވެ. އަދި އުދައަރާ ދުވަސްވަރު ގެތަކަށް ލޮނުވަދެ ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބައެއްް މީހުން ބުންޏެވެ.

ނަމަވެސް އެ ސަރަހައްދަށް ފަސްއެޅާ ފޮރުވާލުމަށް ބައެއް މީހުން ދެކޮޅުހަދެ އެވެ. އެމީހުން ދެކޭ ގޮތުގައި އެ ސަރައްދު ހިމާޔަތްކޮށް ބެލެހެއްޓިދާނެ އެވެ.