އައްޑޫސިޓީގައި ޤާއިމު ކުރުމަށް ނިންމާފައިވާ އިންޑިއާގެ ކޮންސިއުލޭޓްގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ރައްޔިތުންނަށް އިންޑިއާއަށް ދިއުމަށް ހޯދަންބޭނުންވާ ވިސާގެ ކަންކަން ފަސޭހަވެގެންދާނެކަމަށް އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް ވިދާޅުވެއްޖެއެވެ.
"ދަ ޓައިމްސް އޮފް އައްޑޫ"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއު އެއްގައި، އައްޑޫގައި ގާއިމުކުރުމަށް ނިންމާފައިވާ އިންޑިއާގެ ކޮންސިއުލޭޓާއި ގުޅޭގޮތުން ސުވާލު ކުރުމުން ސަފީރު ސަންޖޭ ސުދީރް ވިދާޅުވީ، ކޮންސިއުލޭޓްތައް ޤާއިމު ކުރުމަކީ ޚާރިޖީ ގުޅުންތަކުގެ ތެރޭގައި އާންމު ކަމެއްކަމަށާއި، ކޮންސިއުލޭޓްގެ ސަބަބުން ދެ ޤައުމެއްގެ ގުޅުން އިތުރަށް ބަދަހިވެ އިތުރު ފުރުސަތުތައްވެސް ހުޅުވިގެންދާނެކަމަށެވެ.
އިންޑިއާގެ ތްރިވަންތްރަޕޫރަމްގައި ރާއްޖޭގެ ކޮންސިއުލޭޓެއް 2005 ވަނަ އަހަރުން ފެށިގެން ހުޅުވާފައި ހުންނައިރު ބެންގްލޫރު، ޗެންނާއި، މުމްބާއި އަދި ކޮލްކަތާގައި ރާއްޖޭގެ އޮނަރަރީ ކައުންސިލް އޮފީސް ހުރެއެވެ. ސަފީރު ވިދާޅުވީ ހައިދްރަބާދުގައިވެސް އޮނަރަރީ ކައުންސިލްގެ އޮފީހެއް ހުޅުވުމަށް ރާއްޖެއިން ހުށަހަޅާފައިވާކަމަށެވެ.
އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމަށް އިންޑިއާގެ ކެބިނެޓުން މޭ މަހުގައި ހުއްދަ ދީފައިވާއިރު، އިންޑިއާގެ އެކަނި ނިންމުމަށް ކޮންސިއުލޭޓް ޤާއިމު ނުކުރެވޭނެކަމަށް ސަފީރު ސަންޖޭ ސުދީރް ވިދާޅުވިއެވެ. އިންޑިއާގެ ކެބިނެޓުން އެކަން ފުރަތަމަ ނިންމީ، ދިވެހި ސަރުކާރަށް އެކަން ރަސްމީކޮށް ހުށަހެޅުމުގެ ކުރިން ކެބިނެޓުން އެކަން ފާސްވެފައި އޮންނަންޖެހޭތީކަމަށް ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ އިންޑިއާގެ ކޮންސިއުޅޭޓެއް އައްޑޫސިޓީގައި ގާއިމު ކުރުމަށް ދިވެހި ސަރުކާރުން އަދި ހުއްދަ ދީފައިނުވާކަމަށާއި، އެފަދަ ނިންމުންތައް ނިންމުމުގައި ދެޤައުމުގެ ގުޅުމާއި އިތުރު މަޝްވަރާތައް މުހިންމު ކަމަށެވެ.
"ދަ ޓައިމްސް އޮފް އައްޑޫ"އާ ވާހަކަ ދައްކަވަމުން ސަފީރު ސަންޖޭ ސުދީރް ވިދާޅުވީ އައްޑޫގައި ގާއިމުކުރުމަށް ނިންމާފައިވާ ކޮންސިއުލޭޓް ވެގެންދާނީ އައްޑޫގެ އިތުރުން ފުވައްމުލަކުސިޓީ، އަދި ހުވަދުއަތޮޅުގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭތަނަކަށް ކަމަށެވެ. އެގޮތުން ބޭސްފަރުވާއަށާއި މަތީތައުލީމަށް އަދި އެހެނިހެންވެސް ކަންކަމުގައި އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ރައްޔިތުންނަށް ވިސާގެ ކަންކަން ހަމަޖެއްސުމުގައި ކޮންސިއުލޭޓްގެ ސަބަބުން އިތުރު ފަސޭހަތައް ވެގެންދާނެކަމަށް ސަފީރު ވިދާޅުވިއެވެ.
ކޮންސިއުލޭޓްގެ ސަބަބުން، އިންޑިއާގެ ވިސާ ހޯދުމަށް ދެކުނުގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އައިސް ސަރަހައްދުން ފަސޭހަ ކަމާއެކު ވިސާގެ ކަންކަން ހަމަޖެހޭނެކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ކޮންސިއުލޭޓުން ދެކުނުގެ ސަރަހައްދުތަކުގައި އުޅޭ އިންޑިއާގެ ރައްޔިތުންނަށްވެސް ބޭނުންވާ ކަންކަން ފަސޭހައިން ކުރެވޭނެކަމަށް ވިދާޅުވިއެވެ.
އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމިކަން ހާމަކުރުމުން އެކަމުގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ ކޮންސިއުލޭޓް އެޅުމާމެދު އަދި ގޮތެއް ނުނިންމަވާކަމަށެވެ.