Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

މަޖިލީހުގެ ދެވަނަ ދައުރުގައި 9 ބިލެއްގެ މަސައްކަތް ނިންމި

ރައްޔިތުންގެ މަޖިލިސް އިދާރާ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި ނުވަ ބިލެއްގެ މަސައްކަތް ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ތަފާސްހިސާބަށް ބަލާއިރު، ކުރިން ދައުރުން ލިބުނު 25 ބިލާއި މިދައުރުގައި ހުށަހެޅި 16 ބިލުގެ ތެރެއިން ނިންމިފައިވަނީ 9 ބިލެކެވެ. އަދި ނުނިމި 32 ބިލެއްގެ މަސައްކަތް އެބައޮތެވެ.

މަޖިލީހަށް ހުށަހަޅާަފއިވާ ޤަރާރާއި، ސަރުކާރު އަދި ރިޔާސަތުން ހުށަހަޅާ މައްސަލަކަތާއި ކުއްލި އަދި އެހެނިހެން މައްސަލަތަކާއި ސުވާލު އަދި ބިލު ހިމެނޭގޮތަށް ޖުމުލަ 104 މައްސަލަ މިދައުރަށް ލިބިފައިވެއެވެ. އޭގެތެރެއިން މި ނިމުނު މަޖިލީހުގެ ދެ ވަނަ ދައުރުގައި ނިންމި ފައިވަނީ 41 މައްސަލައެވެ. އަދި ނުނިންމި 63 މައްސަލައެއް ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ނިމުނު ދައުރުގައި މަޖިލީހުން ކުރި އެންމެ ބޮޑު އެއް މަސައްކަތުގެ ގޮތުގައި ފާހަގަކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ އިންކުއަރީގެ މަސައްކަތެވެ. މި އިންކުއަރީ ނިންމާ ދައުލަތުގެ ތިން ބާރުގެ ވެރިންނަށް އަރުވާފައިވާއިރު، މަޖިލީހުގެ 46 ރެކޮމެންޑޭޝަނެއް ހުށަހަޅާފައިވެއެވެ.