Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އިންޑިއާއަށް ކޮވިޑްގެ ތިންވަނަ ރާޅެއްގެ ބިރު އޮތްކަމަށް ޑޮކްޓަރުން ބުނެފި

A woman cries during the cremation of her husband, who died from the coronavirus disease (COVID-19), at a crematorium in New Delhi, India May 5, 2021. REUTERS/Adnan Abidi TPX IMAGES OF THE DAY

އިންޑިއާއަށް ކޮވިޑްގެ ތިންވަނަ ރާޅެއްގެ ބިރު އޮތްކަމަށް އިންޑިއާގެ އިސް ޑޮކްޓަރުންގެ ޖަމިއްޔާއަކުން ބުނެފިއެވެ.

ކޮވިޑްގެ ދެވަނަ ރާޅެއްއަރާ މިހާރު އިންޑިއާގެ ހާލަތު ދަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވަމުންނެވެ. ދުވާލެއްގެ މައްޗަށް 400،000 މީހުން ޕޮޒިޓިވް ވަމުންދިޔަ އަދަދުތައް ވަނީ 40،000ށް ތިރިވެފައެވެ.

އެ ގައުމަށް މަޑުމަޑުން ފަތުރުވެރިން ދަތުރު ކުރަން ފަށައިިފިއެވެ. ގިނަ ސިޓީތައް އާ އާންމު ހާލަތަށް ދެވޭތޯ މަސައްކަތް ވަނީ ފަށާފައެވެ. ސޯޝަލް މީޑިއާއިން ފެންނަ ފަތުރުވެރިންގެ ވީޑިއޯތަކުގައި ވެސް ފެންނަނީ މާސްކް އަޅައިގެންދާ މަންޒަރެވެ. އަދި ސޯޝަލް ޑިސްޓެންސިންގ ބަހައްޓަމުންދާ މަންޒަރުތަކެވެ.

އިންޑިއާގައި ކޮވިޑްގެ އަދަދުތައް މަދުވާން ފަށާފައިވަނީ އެޅުނު ހަރުކަށި ފިޔަވަޅު ތަކާއި ކުރެވުނު ލޮކްޑައުންތަކުގެ ސަބަބުންނެވެ.

އިންޑިއާގައި ވެކްސިން ޖެހޭ އުމުރުގެ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ޖަހާފައިވަނީ އެންމެ 6 އިންސައްތައެވެ. އޭގެ ތެރެއިން ވެސް 22 އިންސައްތަ މީހުންނަކީ ހަމައެކަނި ފުރަތަމަ ޑޯޒް ޖެހި މީހުންނެވެ. އެހެން ކަމުން ކޮވިޑްގެ ތިންވަނަ ރާޅެއް އެ ގައުމަށް އަރާފާނެ ކަމުގެ ކަންބޮޑުވުން އޮތްކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

އޮންނަންޖެހޭ އުސޫލުތަކާއި ޚިލާފަށް ސަރުކާރުން އަދި ސިޔާސީ ފަރާތްތަކާއި އާންމުން ވެސް ބޮޑެތި އެއްވުންތައް ބާއްވަމުން ޖަލްސާތައް ބާއްވަމުންދަނީ އެއްވެސް ވަރަކަށް ބެލުމެއްނެތި ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަނެއްކާ ވެސް ގައުމު އަނދަވަޅަކަށް ވެއްޓުމުގެ ބިރު ހީވާ ކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

އިންޑިއާގައި މިހާތަނަށް 30,913,995 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި ކޮވިޑް ޖެހިގެން އެ ގައުމުން ވަނީ 409,338މީހުން މަރުވެފައެވެ.