Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ގޯތި ނެގި މައްސަލާގައި އާއްމުންގެ ފަރާތުން ކައުންސިލަށް ކުއްލި މައްސަލައެއް!

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރު އަދި ހުޅަނގުން ހުރި އާއްމުންގެ ބިންތައް ނެގުމަށް ކައުންސިލުން ނިންމި ސިއްރު ނިންމުން ރިވިއު ކުރުމަށް އެދި އާއްމުންގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް ކުއްލި މައްސަލައެެއް ހުށަހަޅައިފިއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގޯތި ނެގުމަށް ކައުންސިލުން ނިންމި ނިންމުން ރިވިއު ކުރުމަށް އެދި ހަތަރު ފަރާތުން ވަނީ ކައުންސިލަށް ކުއްލި މައްސަލަ ވައްދާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ކައުންސިލުން ބޭއްވި ސިއްރު ބައްދަލުވުމެެއްގައި ވަނީ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ވަށައިގެން ހުރި 42 ބިމެއް ނެގުމަށް ފާސްކޮށްފައެވެ. މި ނިންމުމަށް ވޯޓު ނެދެނީ ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިޒުއެވެ. މީދޫ ދާއިރާގެ ކައުންސިލަރު ވޯޓުގައި ބައިވެރި ނުވެއެވެ.

އައްޑޫ ކައުންސިލްގެ ބައްދަލުވުމެއް މާދަމާ ބާއްވާ އިރު އާއްމުން ހުށަހެޅި ކުއްލި މައްސަލަ މާދަމާގެ ޖަލްސާގައި އެޖެންޑާ ނުކުރެއެވެ. ނަމަވެސް އަންނަ ހަފްތާގައި ބާއްވާ ޖަލްސާގައި އެ މައްސަލަ އެޖެންޑާ ކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ބިން ނެގުމަށް ނިންމި މައްސަލަ ކައުންސިލަށް ހުށަހެޅީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއުއެވެ.