Last Updated: May 17, 10:57
Friday, May 17, 2024
ޚަބަރު

ގޯތިތައް ނަގަން ކައުންސިލަށް ހުށަހެޅީ ޑެޕިއުޓީ މޭޔަރ ޝުއާއު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިން ނެގުމަށް ކައުންސިލްގެ ކުއްލި ސިއްރު ބައްދަލުވުމަށް ހުށަހެޅީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުކަން ހާމަވެއްޖެއެވެ.\

މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ކައުންސިލް އިދާރާގައި ބޭއްވި ކުއްލި ބައްދަލުވުމަށް ބިން ނެގުމަށް ހުށަހެޅުމުން އެ ބައްދަލުވުން ރައްޔިތުންނަށް ސިއްރު ކުރުމަށް ކައުންސިލަށް ހުށަހެޅީ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލްއެވެ. ފައިސަލްގެ ހުށަހެޅުމަށް މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ އާއި ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިޒުގެ އިތުރުން ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު އަދާލާ ދެކޮޅަށް ވޯޓު ދެއްވިއެވެ. ނަމަވެސް ދެން ބާކީ ތިއްބެވި ކައުންސިލަރުން ތާއިދު ކުރީ ޖަލްސާ ސިއްރު ކުރުމަށެވެ.

މި ޖަލްސާއަށް ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ހުށަހަޅާފައިވަނީ ހޮސްޕިޓަލްގެ އިރުމަތީ ފަރާތު ބޮލްކް ނަންބަރު 349، 341، 334، އަދި 353 ގައިވާ ގޯތި ތަކުގެ ތެރެއިން މާރަންދޫ މަގާއި ވީ ފަޅީގައިވާ ލިސްޓުގައިވާ ގޯތި ތަކާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ހުޅަނގު ފަރާތުގެ ބްލޮކް ނަންބަރު 378،388،383، އަދި 393 ގައިވާ ގޯތިތަކުގެ ތެރެއިން ދުވާފަރު މަގާއިވީ ފަޅީގައިވާ ލިސްޓުގައިވާ ގޯތިތައް ކުރިން ހިތަދޫގައި ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލު ކުރުމަށެވެ. އެއީ 42 ގޯތިއެވެ.

ޑެޕިއުޓީ މޭޔަރުގެ ހުށަހެޅުމަށް ކައުންސިލްގެ 10 މެމްބަރުން ވަނީ ތާއިދުކޮށްފައެވެ. މި މައްސަލައިގެ ވޯޓުގައި މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ބައިވެރިވެރިވާން އުޒުރުވެރިވި އިރު ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިޒު ވަނީ ނުފެންނަ ކަމަށް ވޯޓުދީފައެވެ.

ގޯތި ބަދަލު ކުރުމަށް ޑެޕިއުޓީ މޭޔަރު ހުށަހެޅި "ކުރިން ހޮސްޕިޓަލް އަޅަން ނިންމި ބިން"

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރު އަދި ހުޅަނގު ފަރާތުން ނަގަން ނިންމި 42 ގޯތި ބަދަލު ކުރުމަށް ނިންމި ކުރިން ހޮސްޕިޓަލް އަޅަން ނިންމި ބިމަކީ އައްޑޫ ސްޓޭޑިއަމްގެ ދެކުނުން އޮތް ހުސް ބިމެކެވެ. އައްޑޫގެ ލޭންޑުޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މި ބިން ބޭނުން ކުރުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް ކައުންސިލުން ރައްޔުތުންގެ މަޝްވަރާ ހޯދާފައި ނުވެއެވެ.

އައްޑޫ ކައުންސިލުން ކުރިން ވިސްނުން ހުރި މި ބިމުން ބައެއް ކުޅިވަރުގެ ކަންކަމަށް ބޭއްވުމަށްފަހު ބާކީ ހުރި ބިންތައް އާ ގޯތި ތަކުގެ ގޮތުގައި ދޫކުރުމަށެވެ. ނަމަވެސް އެކަން ނުނިންމާ އޮތީ އައްޑޫގެ ލޭންޑު ޔޫސް ޕްލޭން ހަދަން ޖެހޭތީ ލޭންޑުޔޫސް ޕްލޭން ހަދާއިރު އެތަން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ހަމަޖެއްސުމަށެވެ.

އައްޑޫގެ ލޭންޑުޔޫސް ޕްލޭން އާ ކައުންސިލް އިންތިހާބުވާތާ 6 މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ އިރު ޕްލޭނެއް ނެތި މިގޮތަށް ކަންކަން ނިންމުން އާއްމުން ދަނީ ކަންބޮޑުވަމުންނެވެ.