Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގެންފި: ރައީސް ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެއިންވެސް މިއަދު ބަލައިގެނެފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ މަރާމާތަށްފަހު ފޮރިންގ މިނިސްޓްރީގެ އިމާރަތް ކުރީގެ މިނިސްޓަރ މަރްހޫމް ފަތުހުﷲ ޖަމީލްގެ ނަމަށް ބަދަލުކުރައްވާ ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯޅިހް ވިދާޅުވީ، ފޮރިން މިނިސްޓްރީގެ އިމާރާތުގެ ނަން ކުރީގެ މިނިސްޓަރ މަރްހޫމް ފަތުހުﷲ ޖަމީލްގެ ނަމަށް ބަދަލުކުރުމުމަށް ނިންމެވީ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ޤައުމީ ފެންވަރެއްގައި ފާހަގަކޮށް، މި އިމާރާތާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދިނުން ކަމަށެވެ.

"ފޮރިން މިނިސްޓްރީގެ މި ޢިމާރާތް، އެމަނިކުފާނުގެ ނަންފުޅަށް ޚާއްޞަކުރުމުގެ ވަރަށް މުހިންމު ދެ ބޭނުމެއް އެބަ އޮތް. އެންމެ ފުރަތަމަ ކަމަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްޤީކުރެއްވުމުގައި، 27 އަހަރާއި 4 މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ޤައުމީ ޚިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން. ދެވަނަ ކަމަކީ، މި ޢިމާރާތާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދިނުން. މި ޢިމާރާތަކީ، ވެރިރަށް މާލޭގެ މަލަމަތިން، ދިވެހިންގެ ޤައުމީވަންތަކަމާއި ދިވެހިރާއްޖޭގެ ހައިބަތު ރަމްޒުކޮށްދިނުމުގެ މަޤްޞަދުގައި، އަލްމަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލުގެ ވިސްނުންފުޅާއި ޚިޔާލުފުޅާ އެއްގޮތަށް، އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ފަރުމާކޮށްފައިވާ ޢިމާރާތެއް."

ރާއްޖެއިން މިހާތަނަށްވެސް ހިފަހަޓަމުން އައި ސިޔާސަތަކީ އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ބިނާވެފައިވަނީ އިންސާނީ ހައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމާއެކު، މިނިވަންކަމާއި ސުލްހަވެރިކަމާ ހަމަޖެހުން ގާއިމު ކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ރާއްޖެއަށް ބައިނަލްއަޤްވާމީ މުޖުތަމައުގައި ލިބިފައިވާ މަތިވެރި މަގާމާއި، ކުރިއެރުމާއި އުފެދިފައިވާ އިތުބާރުގެ ހަގީގީ ސިއްރަކީ ހިކުމަތްތެރިކަމާ އެކު ފަތުހުއްﷲ ޖަމީލް ކުރެއްވި މަސައްކަތްތައް ކަމަށެވެ.

"މިއަދުވެސް ސަރުކާރުން ދަމަހައްޓަމުން މިއަންނަނީ ހަމަ އެ ސިޔާސަތު. ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް. ރާއްޖެއިން އަބަދުވެސް އަޑު އުފުލާނީ، މޫސުމީ ބަދަލުތަކުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް. ރާއްޖެއިން އަބަދުވެސް ދަމަހައްޓާނީ، ޑިމޮކްރެސީގެ ހަމަތަކާއި ޞުލްޙަޔަށް އިސްކަން ދިނުމުގެ ސިޔާސަތު."

ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް މިއަދު މުޅި ދުނިޔެ ބަލައިގެންފައިވާކަމަށެވެ. އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެގެ ރައީސް ކަމަށް މިނިސްޓަރު ޝާހިދު އިންތިހާބު ވެގެންދިޔައީ ރާއްޖޭގެ ސިޔާސަތުތައް ނެގަހައްޓާކަން ދުނިޔެއަށް ސާބިތުކޮށްދިނުމަށް މިނިސްޓަރު ޝާހިދު ގެންގުޅުއްވި ހަރުދަނީ ސިޔާސަތުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެލެއްވިއިރު ބައިނަލްއަޤްވާމީ މުޖުތަމައުއާ ރައްޖެ އެކަހެރި ވެފައި އޮތްތާ ފަސް އަހަރު ވެފައިވާކަން ފާހަގަކޮށް ރައިސް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެއްދެ ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.

"މިއަދުގެ ބައިނަލްއަޤްވާމީ މުޖުތަމަޢު ޤަބޫލުކުރަނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަން، އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރުމުގެ ސިޔާސަތު. އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު އިންތިޚާބު ކުރުމަކީވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިޢުތިރާފްވާކަމުގެ ހެއްކެއް. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި އެމަނިކުފާނުގެ ޚާރިޖީ ޓީމުން ކުރައްވާ މަސައްކަތް އަޅުގަނޑު ހެޔޮހިތުން ބަލައިގަންނަން. ރާއްޖޭގެ ޚާރިޖީ ޓީމުން، ބައިނަލްއަޤްވާމީ މަސްރަޙުގައި، މިހާރަށްވުރެ މާ އަލިގަދަ ވިދުމަކުން، ދިވެހިންގެ ނަން ފަޚުރުވެރިކޮށްދެއްވާނެކަން އަޅުގަނޑަށް ޔަޤީން."

މަޖިލީހުގައި މިހާރު އޮތް ފޮރިން ސާވިސްގެ ބިލަށް އަލުއަޅުވާލައްވަ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާލުވީ އެ ބިލު ޤާނޫނަކަށްވުމުން މިނިސްޓްރީގެ މިހާރުގެ މުވައްޒަފުންނަކީ އިތުރަށް ޕްރޮފެޝަނަލް ބަޔަކަށް ވެގެންދާނެ ކަަމަށެވެ. އަދި މި ބިލުން ޚާރިޖީ ޓީމަށް އަންނާނެ އެންމެބޮޑު ބަދަލަކީ ހުނަރުވެރި ވަރުގަދަ ޓީމެއް ބިނާކުރުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ކޮވިޑްގެ ހާލަތުގައި ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަދި ރާއްޖެއަށް އެހީ ހޯއްދެވުމުގައި ހާރިޖީ ޓީމުން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާތީ އެކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާއެވެ.