ވަކިކަންތައްތަކަކަށް ޕީޕީއެމުން އެއްބަސްވާނަމަ، އެމްޑީޕީ ޕީޕީއެމް ކޯލިޝަނަކީ ރާއްޖެއަށް އަދި އެމްޑީޕީއަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ވިދާޅުވި ވިދާޅުވުން ރައީސް މުހައްމަދު ނަޝީދު ތަކުރާރު ކުރައްވައިފިއެވެ.
ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީ އަދި ޕީޕީއެމްގެ ބައެއް މެމްބަރުންނަށް އޮޅުންއަރާތީ އެކަން ސާފުކޮށްދެއްވުމުގެ ގޮތުން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
އެގޮތުން އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޕީޕީއެމަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން އިންޑިއާ އައުޓްގެ ފަލްސަފާއާދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރެވޭ އަދި މިއުޒިކަށްވެސް އެއްބަސްވެވޭ ބަދަލުތަކަކެއް ޕީޕީއެމަށް އަންނަންޖެހޭކަމަށް އެ މެސެޖުގައިވެއެވެ.
އަދި އެ ހަމަތަކުގައި ސަރުކާރެއް ހިންގުމަށް ޕީޕީއެމަށް އެއްބަސްވެވޭ އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުމަކީ ރާއްޖެއަށާއި، އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައެވެ.
މިފަހުންވެސް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ތިބޭ "ޖަޒީރާ" ވަޓްސް އެޕް ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި މައްސަލައެއް ޖެހިގެން ނޫޅުއްވާ ކަމަށާއި އަދި ނުވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނާއި މިހާރު ފިކުރީ ގޮތުން ހިޔާލުތަފާތު ކަމަށާއި، ޒާތީ ކަންކަމުގައި އަބަދުވެސް ރައީސް ސޯލިހާއެކު އުޅުއްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ. އެކަމަކު ދެން ރައީސުލްޖުމްހޫރިއްޔާ އާއި އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ނަޝީދު ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ ބައެއް މީހުން ހިތްހަމަނުޖެހުނަސް ކުރާނެ ކަމެއް ނެތް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ އެ ފަރާތްތަކުގެ އެހީއަށް އެދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދު މިގޮތަށް ވިދާޅުވި ނަމަވެސް އެމްޑީޕީއާއެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފައެވެ.