ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އިން ބޭރުން ފައިސާ ނެގޭ އަދަދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަތިކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި މިއަދު ވިދާޅުވީ، ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީީ ހީނަރުކަން ކުރިން ދެނެގަނެވި ގައުމަށް އެހީވުމަށާއި އިގްތިސާދު ހީނަރުވެނުދިނުމަށް ބޭންކުން ސްޓްރެޓެޖީއެއް ރާވައިފައިވާކަމަށެވެ.
ކްރެޑިޓް ކާޑު ލިމިޓަށް ބަދަލު ގެންނާނެ ކަން ހާމަކުރެއްވިއިރު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.
ކޮވިޑާ ގުޅިގެން ބީއެމްއެލްއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި ތިބެގެން ބޭރުގެ މުއާމަލަތު ކުރާ ކަސްޓަމަރުންނަށް މަހެއްގެ މައްޗަށް 250 ޑޮލަރު ކަނޑައަޅާފައިވާއިރު ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް އެންމެ ގިނަ ވެގެން މަހަކު ނެގޭނީ 750 ޑޮލަރު ކަމަށް ކަނޑައަޅާފައިވެއެވެ.
މީގެއިތުރުންވެސް ބީއެމްއެލްގެ ސީއީއޯ ވިދާޅުވެފައިވަނީ، މި ދަނޑިވަޅުގައިވެސް މެދުކެނޑުމެއްނެތި ބޭންކިންގ ހިދުމަތް ކުރިޔަށް ގެންގޮސް ކޮޮވިޑްގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓަރމް ފައިނޭނަސިންގ އެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި އެހީތެރިވެދީފައިވާކަމަށެވެ.
"މިގޮތުން އީއައިބީ ކޮވިޑް-19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށުނު އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް އެހީތެރިވެވުނު." ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ކޮވިޑްގެ ސަބަބުން ބީއެމްއެލްގެ އާމްދަނީއަށް އަސަރުކުރިކަން ފާހަގަކޮށް ވިދާޅުވީ އަހަރު ނިމުނުއިރު ޓެކްސް އަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާއިރު 2019 ވަނަ އަހަރާ އަޅާބަލާއިރު މިއީ 60 އިންސައްތައަށް ވުރެ ބޮޑު ދަށްވުމެއް ކަމަށެވެ. ނަމަވެސް ބޭންކަށް ކުރިއެރުން ލިބެމުންދިޔަ ކަމަށާއި މިގޮތުން 12،000 އައު ކަސްޓަމަރުން ބޭންކާ އަލަށް ގުޅުނު ކަމަށާއި އަދި އައު ލޯނުގެ ގޮތުގައި މިދިޔަ އަހަރު 3 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ވިދާޅުވިއެވެ.