ޕީޕީއެމް ޕީއެންސީއަށް ރަނގަޅު ގޮތް ނިންމާނީ އަމިއްލައަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީން ކޯލިޝަން ހެދުންކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީ.ޕީ.އެމް ޕީ.އެން.ސީ އަށް އެންމެ ރަނގަޅުގޮތް ނިންމާނީ އެ ކޯލިޝަނުންކަމަށެވެ. އަދި އެ ކޯލިޝަން އަބަދުވެސް ކުރިއަށްދަނީ ރައީސް ޔާމީންގެ ލީޑަރޝިޕްގައި ކަމަށާއި، އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަބަދުވެސް އިސްކުރާނީ ޤައުމާއި ރައްޔިތުން ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
ރައިސް ނަޝީދު މިއަދު އެމްޑީޕީގެ ބައެއް މެމްބަރުން ތިއްބަވާ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން އިންޑިއާ އައުޓްގެ ފަލްސަފާއާދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރެވޭ އަދި މިއުޒިކަށްވެސް އެއްބަސްވެވޭ ބަދަލުތަކަކެއް ޕީޕީއެމަށް އަންނަންޖެހޭކަމަށް އެ މެސެޖުގައިވެއެވެ.
އަދި އެ ހަމަތަކުގައި ސަރުކާރެއް ހިންގުމަށް ޕީޕީއެމަށް އެއްބަސްވެވޭ އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުމަކީ ރާއްޖެއަށާއި، އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައެވެ.