Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ޗައިނާއިން ކަނޑަށް ނަރުދަމާފެން އަޅާ މައްސަލަ ފިލިޕިންސުން ތަހުގީގުކުރަނީ

ޗައިނާއިން ދެކުނު ޗައިނާ ކަނޑުގެ ނުތަނަވަސްކަން އުފެދިފައިވާ ހިސާބަށް ނަރުދަމާފެން އަޅާ މައްސަލަ ފިލިޕިންސުން ތަހުގީގުކުރަން ފަށައިފިއެވެ.

ދެކުނު ޗައިނާ ކަނޑުގެ ނުތަނަވަސްކަން އުފެދިފައިވާ ހިސާބަކީ ޗައިނާއިން ބަލަހައްޓާ އަދި އެސަރަހައްދަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލަމުން އަންނަ ހިސާބެެކެވެ. ކަނޑުގެ އެ ހިސާބަށް ޗައިނާގެ ބޯޓުތަކުން ނަރުދަމާފެން އަޅާކަން ފަޅާއަރުވާލާފައިވަނީ އެމެރިކާގައި ހިންގަމުން އަންނަ ޓެކް ފަރމަކުން ނެރުނު ރިޕޯޓެއްގައެވެ.

ފިލިޕިންސްގެ ރައީސް ވަނީ އެ ރިޕޯޓްގައިވާ ކަންކަން ތަހުގީގުކުރުމަށް އެގައުމުގެ އަސްކަރިއްޔާއަށް އަންގާފައެވެ.

އެމެރިކާގައި ހިންގަމުން އަންނަ ޓެކް ފަރމަކުން ނެރުނު ރިޕޯޓްގައި ވަނީ ކަނޑުގެ އެ ސަރަހައްދަށް ޗައިނާއިގެ ބޯޓުތަކުން ނަރުދަމާފެން އެޅުމުގެ ސަބަބުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެސަރަަހައްދުގެ ފަރުތަކަށް ލިބިފައިވާ ގެއްލުންތައް ދައްކުވައިދޭ ސެޓެލައިޓް އިމެޖެސް ވެސް ހާމަކޮށްފައެވެ.

ދެކުނު ޗައިނާ ކަނޑުގައި ނުތަނަވަސްކަން އުފެދިފައިވާ ހިސާބުގައި ޗައިނާއިން ކުރަމުން އަންނަކަންކަމަށް ފިލިޕިންސުން މި ފަހުން އަޑުއުފުލަން ފަށާފައިވަނީ ޗައިނާއިން އެގައުމުގެ މެރިޓައިމް އޮތޯރިޓީއަށް ބޮޑެތި ބާރުތަކެއްދީ އަދި ދެކުނު ޗައިނާ ކަނޑުގައި ގިނަ އަަދަދަކަށް ޗައިނާގެ އުޅަނދުފަހަރު ހަރަކާތްތެރިވާން ފެށުމުންނެވެ.

ޗައިނާއާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ފިލިޕިންސާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެމެރިކާއިންނެވެ. މިފަހުން އެމެރިކާގެ ސެކްރަޓަރީ އޮފް ސްޓޭޓް ވަނީ ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި ހިންގާ ކަންކަމަށް އެމެރިކާއާ ފިލިޕިންސުން ފަރާވެރިވާނެކަމަށާއި، އަދި ޗައިނާއިން ބާރުގެ ބޭނުންކޮށްފިނަމަ އެކަމަށް އެމެރިކާއިން ރައްދު ދޭނެކަމަށްވެސް ބުނެފައެވެ.