Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

އެކްޓަރ ސުރޭޚާ ސިކްރީ މަރުވެއްޖެ

އިންޑިއާގެ ގައުމީ އެވޯޑް ހާސިލް ކޮށްފައިވާ ތަރިއެއް ކަމަށްވާ ސުރޭޚާ ސިކްރީ އުމުރުން 75 އަހަރުގައި މަރުވެއްޖެއެވެ.

3 ފަހަރު ގައުމީ އެވޯޑް ހާސިލް ކޮށްފައިވާ ސުރޭޚާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ. 2018 އަދި 2020 ވަނަ އަހަރު އޭނާއަށް ވަނީ ބްރެއިން ސްޓްރޯކް ވެސް ޖެހިފައެވެ. އޭނާ މަރުވެފައިވަނީ މުމްބާއީގައި ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައެވެ.

ސުރޭޚާ މަރުވުމުން އޭނާގެ އާއިލާއަށް ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވަނީ ތައުޒިޔާ ފޮނުވާފައެވެ. މީގެ އިތުރުން ބޮލީވުޑްހެ މަޝްހޫރު ތަރިން ކަމުގައިވާ މަނޯޖް ބަޖްޕާއީ، ޕޫޖާ ބަޓް، އަދި ދިވްޔާ ދައްތާ ފަދަ ތަރިން ވަނީ ހިތާމަ ފާޅުކޮށްފައެވެ.

1978 ވަނަ އަހަރު އޭނާގެ ފުރަތަމ ޑްރާމާ ކަމަށްވާ"ޚިއްސާ ކްރުސީކާ" އިން ފެނިގެންދިޔަ ސުރޭޚާ ވަނީ އޭގެ ފަހުން ފިލްމާއި، ޑްރާމާތައް ވަރަށް ގިނައިން ކުޅެފައެވެ. ސުރޭޚާއަށް ވަނީ ގައުމީ ފިލްމް އެވޯޑްގައި ބެސްޓް ސަޕޯޓިންގ އެކްޓްރެސްގެ މަޤާމް 1988 ވަނަ އަހަރު ފިލްމް "ތަމާސް"، 1995 ވަނަ އަހަރު ފިލްމް"މަންމޯ" އަދި 2018 ވަނަ އަހަރު ފިލްމް"ބަދާއީ ހޯ" އިން ލިބިފައެވެ.

އުއްތަރްޕްރަދޭޝްއަށް އުފަން ސުރޭޚާ ވަނީ ނޭޝަނަލް ސްކޫލް އޮފް ޑްރާމާ އިން 1971 ވަނަ އަހަރު ގްރެޖުއޭޓް ވެފައެވެ. އޭނާ ވަނީ ސަންގީތު ނާޓަކް އެކަޑަމީ އެވޯޑް ވެސް 1989 ގައި ހާސިލް ކޮށްފައެވެ. ސުރޭޚާގެ މަންމަ އަކީ ޓީޗަރެކެވެ. އަދި އޭނާގެ ބައްޕައަކީ އެއާފޯސްގައި މަސައްކަތް ކުރި މީހެކެވެ.

ސުޜޭޚާ މީހުންގެ ސަޕޯޓްހޯދާ މަޝްހޫރު މީހަކަށް ވެގެން ދިޔައީ ޑްރާމާ ސިލްސިލާ"ބާލިކާ ވަދޫ"އިންނެވެ. އެންމެ ފަހުން ސުރޭޚާ ފެނިފައިވަނީ ނެޓްފްލިކްސް އިން ދައްކާ ޒޯޔާ އަޚްތަރުގެ "ގޯސްޓް ސްޓޯރީ" އިންނެވެ.