Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

އަދާލަތުގެ ނުފޫޒުން ރައީސް ސޯލިހްގެ ނިންމުންތައް ބަދަލުކުރޭ: ރައީސް ނަޝީދު

ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނުފޫޒުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުންތައް އެމަނިކުފާނު ބަދަލުކުރައްވާކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި އެމަނިިކުފާނާއި ހަވާދީވަނީ ނަފުރަތުގެ ބިލާއި ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތާއި މެދު ނުރުހުން ފާޅުކުރައްވާ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ އެމްޑީޕީއަށް ކަމަށާއި، އަދި އެމްޑީޕީއަށް އެ ފުރިހަމަ މޮޅު ހޯދުމުގައި ކޯލިޝަނެއްގެ އެހީތެރިކަންވެސް ލިބުނު ކަމަށެވެ. އެހެންނަމަވެސް އެ ކޯލިޝަންގައި ހިމެނޭ "ކުޑަ ޕާޓްނަރެއް" ކަމަށްވާ އަދާލަތު ޕާޓީއަށް ރައީސް ސޯލިހްގެ ހުރިހާ ނިންމެވުންތަކަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެމަނިކުފާނު ދެއްވާނެކަން މިހާރު ސާފުވެފައިވާކަމަށާ އަދި އެހެންކަމުން މިހާރު ކޯލިޝަންގެ މިސްރާބު ހުރީ ޑިމޮކްރަސީގެ ހަމަތަކާ ދުރައްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ މެޖޯރިޓީއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މިއުޒިކާއި، ތަރިކަ، އަދި ޒަމާނީ ދީނީ ގޮތްތަކަށް ތާއީދުކުރާ ބައެއްކަމަށެވެ. އަދާލަތު ޕާޓީއަށް ނުސީދާކޮށް ނިސްބަތްކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައްޔިތުން ވޯޓު ދީފައިވަނީ ދީނީ ހަރުކަށި ފިކުރަށް ނޫންކަމަށެވެ.

އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް އަލިއަޅުވާލާ ރައީސް ނަޝީދު ވިދާޅުވީ އެހަމަލާއަކި ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ދީފައިވާ ހަމަލާއެއްކަމަށް ސަރުކާރުން ބުނެފައިވާކަމަށެވެ. އަދި ލާދީނީ ޓެގު އަޅުވާ މީހުންގެ މެދުގައި ދީނީގޮތުން މީހަކާއި މެދު ނަފްރަތު އުފެއްދުމުގެ ނަތީޖާގެ ގޮތުން ހަރުކަށި ފިކުރުގެ މީހުން އެމީހަކު މަރާލުމާ ހަމައަށް ރާއްޖޭގައި ކަންކަން ގެންގޮސްފައިވާކަމަށާއި، އެގޮތުން ޑރ. އަފްރާޝިމާއި ޔާމީން ރަޝީދު އަދި ރިލްވާން އަބްދުﷲގެ ނަން ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިކަންކަމަކީ މީހަކާއި މެދު ނަފްރަތު އުފެއްދުމުގެ ސަބަބުން ހިނގާފައިވާކަންކަން ކަމަށާއި، އަދި މިފަދަ އެތައް ކަމެއް ހިނގަމުން އަންނައިރު އެކަންކަން ނިމުމަކަށް ގެނައުމަށް ސަރުކާރުން ނަފުރަތުގެ ބިލު ހުށަހެޅިކަމަށެވެ. އެހެންނަމަވެސް އަދާލަތު ޕާޓީގެ ނުފޫޒުން ސަރުކާރުން އެ ބިލަށް ކުރަމުން އައި ތާއީދު ގެންގޮސްފައިވާކަމަށާއި، އެ ބިލު ފާސްކުރުމުގެ ހިތްވަރު ސަރުކާރުގައި ނެތްނަމަ ސަރުކާރަށް ތާއިދުކުރެވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަފުރަތު ބިލު ކޮމިޓީން ދިރާސާކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އަލުން ވަނީ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާލާފައެވެ. އަދި އެކަމުގެ ސަބަބުން ރައީސް ނަޝިދަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ސަރުކާރަށް ފާޑުވިދާޅުވެ މަޖިލީހުގައި ވާހަކަ ދައްކަވާފައިވެއެވެ. އަދި ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވި މެމްބަރު ހިސާން ހުސައިންގެ ދިފާއުގައި ސަރުކާރުން އެއްޗެއް ބުނެފައިނުވާތީ އެކަމަށްވެސް އެމްޑީޕީގެ މެމްބަރުން ފާޑުވިދާޅުވެފައިވެއެވެ.