"ނަފުރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށް ފަސްޖެހޭނަމަ ސަރުކާރަށް ތާއީދު ކުރެވެން ނެތްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި އެމނިކުފާނާ ހަވާލާދީ ވިދާޅުވެފައިވަނީ ނަފްރަތުގެ ބިލަކީ ރާއްޖޭގައި މީހުންނާމެދު ދީނީގޮތުން ނަފްރަތު އުފެއްދުމުގެ ސަބަބުން ދޭ ހަމަލާތަކަށް ނިމުމެއް ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލެއްކަމަށެވެ.
އެހެންނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުޑަ އަދާލަތު ޕާޓީގެ ނުފޫޒުން ސަރުކާރުން އެ ބިލަށް ކުރި ތާއީދު ގެންގޮސްފައިވާކަމަށާއި، އަދި އަދާލަތު ޕާޓީން ރައީސް ސޯލިހްގެ އެފަދަ އެތައް ނިންމުމަކަށް ނުފޫޒު ފޯރުވާއިރު އެގޮތަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ރައީސް ސޯލިހް ދެއްވަމުން އަންނަކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ނަފުރަތުގެ ބިލު ފާސްކުރުމަށް ސަރުކާރުން ފަސްޖެހި އެބިލު ފާސްކުރުމުގެ ހިތްވަރު ނެތްނަމަ ސަރުކާރަށް އެމަނިކުފާނުގެ ތާއީދު ނެތްކަމަށެވެ.
ގިނަބައެއްގެ ނުރުހުން އަމާޒުވެފައިވާ ނަފުރަތުގެ ބިލު ފާސްކުރުމަށް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ފާސްކޮށްފައެވެ. އެގޮތަށް އެބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވަނީ އިތުރަށް ދިރާސާކުރުމަށް ކަމަށް ބުނެއެވެ.
އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން ރައިސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ވަނީ މަޖިލީހުގައި ރައިސް ސޯލިހަށް ސީދާ ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅި ހިސާން ހުސައިންގެ ދިފާއުގައި ސަރުކާރުގެ އެއްވެސް ފަރާތަކުން ބަސްބުނެފައިނުވާތީ އެކަމަށްވެސް ފާޑުވިދާޅުވެފައިވެއެވެ.