Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ހައްލަކީ އަވަސް އިންތިޚާބެއް: މަލީހް

މުހައްމަދު މަލީހް ޖަމާލް--

ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލިފައިވާކަމަށާއި، ހައްލަކީ އަވަސް އިންތިހާބެއްކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓްވީޓެއްގައި ވަނީ މިސަރުކާރާ ދެކޮޅުކަން ރައީސް ނަޝީދު ހާމަކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީން ރައީސް ސޯލިހްގެ ސަރުކާރާއި ދެކޮޅުވުމުން ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލިފައިވާކަމަށް މަލީހް ވިދާޅުވިއެވެ.

"ރައީސް ނަޝީދާއި އެމްޑީޕީ ސަރުކާރާއި ދެކޮޅުވީމަ ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލުނީ. ރައްޔިތުންގެ ނިންމުމުގެ އަސާސް ގެއްލުނީ." މަލީހްގެ ޓްވީޓްގައިވެއެވެ.

މަލީހް ވިދާޅުވީ މިހާރު އޮތް ހާލަތަށް އޮތް ހައްލަކީ އަވަސް އިންތިހާބެއްކަމަށެވެ.

ނަފްރަތުގެ ބިލާއި މެދު ސަރުކާރުން އަމަލުކުރިގޮތުން ރައީސް ނަޝިދު އަންނަނީ ރައީސް ސޯލިހްގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ރައީސް ސޯލިހްގެ ނިންމުންތަކަށް އަދާލަތު ޕާޓީން ނުފޫޒުފޯރުވާކަމަށާއި، އަދި އެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ރައީސް ދެއްވާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ސިޔާސީ ގޮތުން ރައިސް ސޯލިހާއެކު މަސައްކަތް ކުރެވެން ނެތްކަމަށާއި، އަދި މިއުޒިކް ހުއްދަކޮށް އިންޑިއާ އައުޓް ނުގޮވާ ނަފްރަތުގެ ބިލަށް ތާއީދުކޮށް މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައިވެއެވެ. އަދި މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމް އެމްޑީޕީގެ ކޯލިޝަނެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.