ސެންޓުފުޅިއެއް ވަގަށް ނަގަން އުޅުނު މީހަކު 18،000 ރުފިޔާއިން ޖުރިމަނާ ކޮށްފިއެވެ.
ގަލޮޅުދަނޑު ތިރީގައި ހިންގަމުން އަންނަ ރެޑްވޭވް ފިހާރައިން 2017 ވަނަ އަހަރު ސެންޓުފުޅިއެއް ވަގަށް ނަގަން އުޅުނު މީހާގެ މައްޗަށް އުފުލާފައިވަނީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުހިންގުމުގެ ކުށުގެ ދައުވާއެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، 25 ނޮވެމްބަރު 2017 ވަނަ ދުވަހު މަޖީދީމަގު ގަލޮޅު ދަނޑު ތިރީގައި ހިންގަމުންދާ ރެޑްވޭވް ފިހާރައިން އަރިސް ބްރޭންޑްގެ ސެންޓުފުޅިއެއް ނަގައި، އޭނާ ލައިގެންހުރި ޖިންސާއި ހަށިގަނޑާއި ދޭތެރެއަށް އެ ސެންޓުފުށި ލުމަށްފަހު، ސެންޓުފުޅީގެ އަގު އަދާނުކޮށް ފިހާރައިން ނިކުންނަން އުޅެފައިވާކަމަށެވެ.
އޭނާގެ މައްޗަށް މި މައްސަލައިގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އުފުލުމުން އެ ކުށަށް ވަނީ ޝަރިއަތުގައި އިއުތިރާފްވެފައެވެ.
މި މައްސަލައިގައި އޭނާ އިއުތިރާފްވެފައިވާތީ، މިމަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުންވަނީ 18،000 ރުފިޔާއިން ޖުރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އޭނާގެ މައްޗަށް ހުކުމް ކޮށްފައެވެ.