Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ބޯހިޔާވަހިކަމާ ގުޅޭ ގިނަ މައްސަލަތަކެއް އޮމްބަޑްސްޕާސަން އޮފީހަށް

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް މިދިޔަ މަހުގެ 13 އިން މި މަހުގެ 13 އަށް ބޯހިޔާވަހިކަމާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.

އެ އޮފީހުން އާންމުކުރި މައުލޫމާތުތަކުގައި ވާގޮތުން، މިދިޔަ މަހުގެ 13 އިން މި މަހުގެ 13 އަށް އެ އޮފީހަށް ޖުމުލަ 59 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެތެރެއިން 54.24 އިންސައްތަ މައްސަލައަކީ ބޯހިޔާވަހިކަމާއި ގުޅުންހުރި މައްސަލަތަކެވެ.

ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސައްކަތްކުރުމުގެ ހައްޤާއި ގުޅުންހުރި މައްސަލަތަކެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މުދާ ހޯދާ ލިބިގަތުމުގެ ހައްޤާއި ގުޅުންހުރި މައްސަލަތައްވެސް ހުށަހަޅާފައިވެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުފެދިގެން ދިޔައީ 17 ޑިސެންބަރު 2020 ދުވަހު ރައީސުލްޖުމްހޫރިއްޔާ އިންތިޤާލީ އިންސާފުގެ ޤާނޫނު ތަސްދީޤުކުރައްވުމުންނެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަޤްޞަދަކީ ދައުލަތުގެ މުއައްސަސާތަކުން، ދިވެހިރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ދެނެގަނެ، އެފަދަ ކަންތައްތައް ތަޙުޤީޤުކޮށް ޙަޤީޤަތާ ހަމައަށް ވާޞިލްވުމެވެ. އަދި އެފަދަ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވައި އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައްކޮށް ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުމެވެ.