Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު ކަމަށްވާ ސާޖިދު ޖާވިދު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ސާޖިދު ހުންނެވީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ވެސް ފުރިހަމަ ކުރައްވާފައެވެ. ސާޖިދު ޕޮޒިޓިވްވެފައި ވަނީ އޭނާގެ ފުށުން ކޮވިޑްގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެންނާތީ ހުކުރު ދުވަހުގެ ރޭ ޓެސްޓް ހެދުމުންނެވެ. އޭގެ ނަތީޖާ ޕޮޒިޓިވްވުމާއެކު މިހާރު ޕީސީއާރް ޓެސްޓަށް ސާމްޕަލް ނަގާފައިވާކަމަށާއި، ހުންނެވީ އާއިލާއާއި އެކު ހޯމް އައިސޮލޭޝަންގައިކަން ސާޖިދު ކުރެއްވި ޓުވީޓެއްގައި ހާމަކުރައްވާފައިވެއެވެ. ޕޮޒިޓިވްވި ނަމަވެސް ސާޖިދުގެ ފަރާތުން ފެންނަނީ ބަލީގެ އަލާމާތްތައް ވަރަށް ކުޑަކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕީސީއާރު ޓެސްޓުން ނެގަޓިވްކޮށް ނުދައްކާ ކަމުގައިވާނަމަ އެ ގައުމުގައި ހެދިފައިހުރި ކޮވިޑް ގަވާއިދުތައް ބުނާ ގޮތުން އޭނާ ޖެހޭނީ 10 ދުވަހަށް އައިސޮލޭޓް ވާށެވެ. އެ މުއްދަތު އިތުރުވާނީ ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ ހާލަތެެެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު ވަނީ 48،553 މީހުންނަށް ކޮވިޑް ޖެހިފައެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ފަހުން މިހާބޮޑަށް ކޭސްތައް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ކޮވިޑް ޖެހިގެން އިނގިރޭސިވިލާތުގައި މަރުވި މީހުންގެ އަދަދު 128،642ށް އަރައެވެ.

އެންމެ ފަހުން މިދިޔަ ހުކުރު ދުވަހު އެ ގައުމުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެ ގައުމުގެ ވެކްސިން ޖަހަންޖެހޭ އާބާދީގެ 67.5 އިންސައްތަ މީހުންނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ދީފައެވެ. އަދި 87.6 އިންސައްތަ މީހުންނަށް ވަނީ އެއް ޑޯޒް ދީފައެވެ. ވެކްސިން ނުޖެހިވާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.