Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ޓޫރިޒަމް ދާއިރާގެ 80 ޕަސަންޓް މުވައްޒަފުން ވެކްސިންގެ ދެ ޑޯޒު ޖަހައިފި

ރިސޯޓުތަކުގެ 80 ޕަސެންޓް މުވައްޒަފުން ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން 97 ޕަސެންޓް މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށާއި އަދި ދެވަނަ ޑޯޒު ޖެހި މުވައްޒަފުންގެ އަދަދު އުޅެނީ 80 ޕަސެންޓުގައި ކަމަށެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ދޭ "އައި އޭމް ވެކްސިނޭޓެޑް ބެޖް" ދާދިފަހުން ވަނީ އިފްތިތާހުކޮށްފައެވެ. މިއީ އެ ދާއިރާގެ މުވައްޒަފުން ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ފެށި ކެމްޕެެެއިން އެކެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 200،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ދެވަނަ ޑޯޒްގެ އިތުރުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 320،482 އަށް އަރާފައެވެ.