Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު ސިޔާސީ

ކޯލިޝަން ޕާޓީތަކުގެ ނުޒޫފު ރައީސް ސޯލިހަށް އޮތޭ ނުބުނެވޭނެ: ޖީހާން

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު - ފޮޓޯ: މަޖިލިސް

ކޯލިޝަން ޕާޓީތަކުގެ ނުފޫޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތްކަމަށް ބުނުން ރަނގަޅު ނޫންކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް ވިދާޅުވެއްޖެއެވެ.

ޖީހާން މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި އެމްޑީޕީގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން އިންޑިއާގެ "ދަ ހިންދޫ" ނޫހާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޖީހާން ވިދާޅުވެފައިވަނީ ރައީސް ސޯލިހް އެމަނިކުފާނު ވައުދުވެލައްވާފައިވާ ކަންކަމާ އެއްގޮތަށް އަމަލުކުރައްވަމުން އަންނަކަމަށާއި، އަދި ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވާ މައްސަލަތަކަކީވެސް ސީރިއަސް މައްސަލަތަކެއް ކަމަށެވެ.

ހަރުކަށި ފިކުރާއި ދެކޮޅަށް ރައިސް ސޯލިހްގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ޖީހާން ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ހިންގާ މިފަދަ ކަންކަމުގައި އިސްކޮށް އުޅޭމީހުން ދެނެގަނެ ދައުވާކުރަމުންދާކަން ފާހަގަކޮށްފައެވެ.

"ކޯލިޝަން ޕާޓްނަރުންގެ ނުފޫޒު ރައީސް ސޯލިހަށް އޮތޭ ބުނުން ރަނގަޅެއް ނޫން. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނާ އެކު، އެ ކޯލިޝަން ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާނެ. ރައީސް ސޯލިހް އިސްވެ ކޯލިޝަން ރޫޅައެއް ނުލައްވާނެ. ރައިސް ސޯލިހަށް ކޯލިޝަން ޕާޓީއެއްގެ ނުވަތަ އިތުރުބައެއްގެވެސް ނުފޫޒެއް އޮތްނަމަ އެ ބިލެއް [ނަފްރަތުގެ އަމަލުގެ ކުށުގެ އިސްލާހު] މަޖިލީހަކަށް ނުވެސް އަންނާނެ. އިތުރު މަޝްވަރާއާ ހިޔާލު ބޭނުންވާތީ އެ ބިލު އަދި އޮތީ ކޮމިޓީގަ. ރައީސް ސޯލިހް ހުންނެވީ ވައުދުތަކުން ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫން." ޖީހާން ވިދާޅުވިއެވެ

ޖީހާނާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމް ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނާދެއެވެ.

މެމްބަރު އިމްތިޔާޒް ފަހުމީ – ފޮޓޯ: މިނިވަން ނޫސް

އެގޮތުން "ދަ ހިންދޫ"އާ ވާހަކަ ދައްކަވަމުން އިމްތިޔާޒް ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް އަދި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަރުކާރުން އަމަލުކުރަމުން އަންނަގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިމްތިޔާޒް ވިދާޅުވީ ހަރުކަށި ފިކުރާދެކޮޅަށް ޕާޓީން ގެންގުޅޭ ސިޔާސަތު ސަރުކާރުން އެއްފަރާތް ކޮށްފައިވާކަމަށް ރައީސް ނަޝީދު ދެކިވަޑައިގަންނަވާ ކަމަށާއި، އަދި އެކަމުގެ ސަބަބުން ޕާޓީއަށް ގެއްލުންވަމުން އަންނަކަމަށެވެ.

"ޕާޓީގެ ސިޔާސަތުތަކާ ޤަބޫލުކުރާ ހަމަތަކާ ހިލާފަށް އަމަލުކުރަމުން އަންނަކަމަށް ރައީސް ނަޝީދު ދެކިވަޑައިގަންނަވަނީ. އަދި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ޕާޓީއަށް ގެއްލުންވާނެކަމަށް ރައީސް ނަޝީދު ދެކެވަޑައިގަންނަވާ." އިމްތިޔާޒް ވިދާޅުވެފައިވެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް – ފޮޓޯ: މަޖިލިސް

މީގެ އިތުރުން މީކާއިލް "ދަ ހިިންދޫ"އާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ކޯލީޝަންގެ ބަހަށް ބުރަވުމުގެ ސަބަބުން، ކުރިން އަނިޔާވެރިކޮށް މަރާލާ ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދުމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅިފައިވާކަމަށެވެ.

ނަފުރަތުގެ ބިލު ފާސްކުރުމުގައި ސަރުކާރުން ފަހަތަށް ޖެހިފައިވާކަން ފާހަގަކޮށް މީކާއިލް ވިދާޅުވީ އެކަމުގެ ސަބަބުން ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދުމަށްވެސް ހުރަސް އެޅޭނެކަމަށެވެ. އަދި މޭ 6 ހަމަލާ ދޭންޖެހުނު މައިގަނޑު ސަބަބުކަމަށްވާ ދީނީގޮތުން މީހުންގެ މެދުގައި ނަފުރަތު އުފެއްދުމުގެ މައްސަލައަށް ޓެކުލް ކުރުމުގައި ސަރުކާރުން ލަސްކުރާކުރުމާމެދު ބައެއް މެމްބަރުން ކަންބޮޑުވުން އޮތްކަން ފާހަގަކުރެއްވިއެވެ.