ކަމިޝްނާ އޮފް ޕޮލިސް ހުސެއިން ވަހީދު މިއަދު ހެނދުނު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕޮލިހުން ބުނެފި އެވެ.
ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މިއަދު ކަމިޝްނާ އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫގައި މިހާރު ފުލުހުން ފަށާފައިވާ ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ރަސްމީކޮށް ހުޅުވައިދެއްވުން ހަމަޖެހިފައިވާކަމަށެވެ.
"މިއަދު ހެނދުނު ކަމިޝްނާ ހިތަދޫ ޕޮލިސް ސްޓޭޝަން (ސްޓޭޓް ހައުސް) އަށް ވަޑައިގަތުމުން ފުރަތަމަ ހަމަޖެހިފަިއވަނީ ސެރެމޯނިއަލް ގާޑެއް އެރުވުން، އެއަށްފަހު 11 ޖަހާއިރު އައްޑޫގައި ފުލުހުން މިހާރު ހަރުކުރަމުންދާ ސީސީޓީވީ ކެމެރާ ހަރުކުރުން ރަސްމީކޮށް ފައްޓަވައިދެއްވާނެ"
ޝިފާން ވިދާޅުވީ ކަމިޝްނާގެ މި ދަތުރުފުޅުގައި މިއަދު މެންދުރުފަހު 2 ޖަހާއިރު އައްޑޫގެ ކޯޓުތަކުގެ އެންމެ އިސްވެރިންނާއި ޕީޖީގެ ބޭފުޅުންނާއި އެކު ބައްދަލުވުމެއް އައްޑޫ ކައުންސިލް އިދާރާގެ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހަވީރު 4 ޖަހަ އިރު އައްޑޫގައި ތިބި ފުލުހުންނާއި ކަމިޝްނާ ބައްދަލުކުރެއްވުން ޝަރަފުއްދީން ސްކޫލް ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ ފުލުހުންގެ 100 ދުވަހުގެ މަގުޗާޓްގައިވާ ގޮތުން އައްޑޫގެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 2012ގެ ނިޔަލަށް ހުރި ހުރިހާ މައްސަލައެއް ތަހްގީގުކޮށް ނިންމުމަށް ހަަމޖެހިފައިވާކަމަށެވެ. އެސަބަބަށްޓަކައި އައްޑޫގެ ކޯޓުތަކާއި ޕީޖީ އާއި އެކު ހާއްސަ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
ޝިފާން ވިދާޅުވީ އައްޑޫގައި ހަރުކުރުމަށް ހަމަޖެހިފައިވާ ސީސީޓީވީ ކެމެރާ ކުރިއަށްއޮތް ދެ ހަފްތާ ތެރޭ ހަރުކޮށްނިންމާލެވޭނެ ކަމަށެވެ.