އައްޑޫގައި ގާއިމް ކުރާ ސީސީޓީވީ ކެމެރާގެ ސަބަބުން އިތުރު އަމާންކަމެއް ލިބިގެންދާނެ ކަމަށް ކަމިޝަނަރު އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލްގެ ހޯލުގައި ސީސީޓީވީ ކެމެރާ ހަރުކުރުން ރަސްމީކޮށް އިފްތިތާހްކޮށްދެއްވަމުން ހުސެއިން ވަހީދު ވިދާޅުވީ މަގުމަތީގެ އަމާންކަން ގާއިމުކުރުމަށް މިކެމެރާ ސިސްޓަމުން އިތުރު ބާރެއް ލިބިގެންދާނެކަމަށެވެ. އަދި މަގުމަތީގެ ހާދިސާތައް ކޮންޓްރޯލް ކުރަން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ކަމިޝްނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ މި ކެމެރާ ތަކުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓް ހިގުން މަދު ކުރެވޭނެކަމަށެވެ. އަދި އެކަމަށް ލިބުނު ވަރަށް ބޮޑު ބާރެއްކަމަށް ސޯބެ ވިދާޅުވިއެވެ.
ފުލުހުންގެ 100 ދުވަހުގެ މަގު ޗާޓްގައި އައްޑޫގައި 10 ކެމެރާ 5 ތަނެއްގައި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންދާލި ހިތަދޫ ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ވަނީ ކެމެރާ ހަރުކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ މި ކެމެރާތައް މާލެއިން ބެލޭނެކަމަށެވެ.