ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭ ދަރިން ބޭނުންވެފައިވާކަމަށް އީދު ޚުތުބާގައި ބުނެފިއެވެ.
އަޟްޙާ އީދު ނަމާދަށްފަހު ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުތުބާގައި ބުނެފައިވަނީ، އިސްލާމީ އުންމަތް މިއަދު ވަނީ އިބްރާހިމްގެފާނުގެ ދަރިކަމުންގެ ވާހަކައިން، އިތުރު ފިލާވަޅުތައް ދަސްކުރަންޖެހިފައި ކަމަށެވެެ.
މިއަދު ފެންނަމުންދަނީ އިސްލާމް ދީނަށް އަދި ޤުރުއާނަށް ފާޅުގައި އިހާނެތިކޮށް ހިނަމުން އަންނަކަން ކަމަށާއި، އަދި ނަބިއްޔާއަށް ފުރައްސާރަ ކުރަމުން އަންނަތަން ފެންނަ ކަމަށެވެ. މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައި، އެތަންތަން ފޭރިގަންނަމުން އަންނަކަމަށާއި، މިއަދު މުސްލިމް ވެރީންގެ އަބުރަށާއި ފުރާނައަށް އަރައިގަންނަމުންދާކަމަށެވެ.
"އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް މިއަދު ވަނީ ބޭނުންވެފައިވެއެވެ." އީދު ޚުތުބާގައިވެއެވެ.
ޢީދަކީ މިނިވަންކަމުގެ ޢީދެއްކަމަށާއި، މި ޢީދު ވާންޖެހޭނީ ނަފްސުތައް ޝަހުވަތްތަކުން މިނިވަންކޮށްދޭ ޢީދަކަށްކަމަށް ހުތުބާގައި ބުނެފައިވެއެވެ. ޢީދުގެ ދުވަސްތަކަކީ އުފާ ކުރަންވީ ދުވަސްތަކެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ މި ދުވަސްތަކުގައި މާތްﷲގެ އަމުރުފުޅާ އެއްގޮތަށް އުފާ ކުރުމަށާއި، މުންކަރާތަށް އަރައިނުގަނެ، މާތްﷲ ހުއްދަކުރައްވާފައިވާ އިންތަކުގެ ތެރޭގައި ތިބެ އުފާ ފާޅުކުރުމަކީ މަނާކަމެއް ނޫންކަމަށެވެ.