ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތިން ބިލެއް ތަސްދީގު ކުރައްވައިފިއެވެ.
ރައީސް މިއަދު ތަސްދީގު ކުރައްވާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު އަދި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލެވެ. މި ބިލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޖުލައި 8 ވަނަ ދުވަހުއެވެ.
މީގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި، އެންމެ ކުދި، ކުދިއަދި މެދުފަންތީގެ ވިޔަފާރި ގިންތިކޮށްފައިވާ މިންގަނޑުތަކަށް އިޞްލާޙު ގެނެސްފައިވެއެވެ. ހަމަ އެހެންމެ ޤާނޫނުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ޤާނޫނުގެ ދަށުން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ވިލަރެސްކޮށް، ރާވައި، ހިންގުމަށްޓަކައި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ، ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާވާ ކުންފުންޏެއް ޤާއިމުކުރަންވާނެކަމަށާއި އެ ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2017 އިން އުފައްދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީ.ސީ.ސީ) ކަމުގައިވެސް މި އިސްލާހުގައި ވެއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް، މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރެއަށް އިތުރުކޮށްފައިވެއެވެ. އަދި ޓެކްސް ދެއްކުމަށް ދެވޭ ހާއްސަ އިސްތިސްނާތަކުގެ ތަފްސީލު ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް އާމްދަނީ ޓެކްސް ނެގުމުގެ ޤާނޫނު އިތުރަށް ފުރިހަމަކުރުމަށްޓަކައި ގެންނަންޖެހޭ މުހިންމު ގިނަ އިސްލާހުތަށް މި ބިލާއެކު ވަނީ ގެންނެސްފައެވެ.
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކު ތެރޭގައި ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކުރުމާއި، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ޤައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން ހިމެނެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުޞޫލުތައް ކަނޑައެޅުމަށާއި މި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެއެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުވާނެއެވެ.
މި ޤާނޫނުގައިވާގޮތުން ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަނެވެ. ޗީފް ސްޓެޓިސްޓީޝަން ޢައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
މީގެ އިތުރުންވެސް މި ޤާނޫނުގައިވާގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެއެވެ. އަދި މި ސްޓެޓިސްޓިކަލް ކައުންސިލް އެކުލެވިގެންވާނީ 10 މެންބަރުންގެ މައްޗަށެވެ.