މާލޭގައި މިއަދު ހިނގާފައި އުޅޭ ވަގުތުގައި ކޮންމެ ޓެކްސީ ސެންޓަރަކަށް ޓެކްސީ ދުއްވުމުގެ ދެ ހުއްދަ ދޫކުރަން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މައުލޫމާތުދީފައިވާ ގޮތުގައި މި ހުއްދަ ޓެކްސީ ސެންޓަރުތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 1:00 އިން 3:00 އަށް ކަމަށެވެ. ހުއްދަ ދޫކުރާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ އޮފީހުންނެވެ.
އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު 04:00 އިން ރޭގަނޑު 08:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށް ހިނގާފައި އުޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިއަދު ފައިމަގުގައި އުޅުމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ކޮންމެ ޓެކްސީ ސެންޓަރަކަށް 2 ސްޓިކަރ ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ސްޓިކަރ ދޫކުރަމުންދާނީ މެންދުރު 1 އަކުން 3 އަކަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާ ބެހޭ އޮފީހުންނެވެ.
— Male' City Council (@MaleCitymv) July 20, 2021
މި ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް ސަލާމަތީ ހިދުމަތްތަކާއި، އިމަންޖެންސީ ހާލަތުގައި ދުއްވާ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެއެވެ.