Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އދ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު އިންޑިއާއަށް

އދ. އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ފޮރިން މިނިސްޓަރު ޝާހިދު އދ. އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސ. ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާސްގެ 38 ވަނަ ސެޕްރޫ ހައުސް ލެކްޗާގައި މިމަހުގެ 23 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ވާހަކަދައްކަވާނެ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސަކު ހޮވުމަށް މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޝާހިދު އެ މަގާމު ކާމިޔާބު ކުރެއްވީ 143 ގައުމެއްގެ ވޯޓާ އެކު އެވެ.