Last Updated: April 19, 17:13
Friday, April 19, 2024
ޚަބަރު

ޗައިނާ އެމްބަސީ ކައިރީގައި މުޒާހަރަކޮށްފި

ފޮޓޯ: ޓްވިޓާ

ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި ހުންނަ ޗައިނާގެ އެމްބަސީ ކައިރީގައި މިއަދު މުޒާހަރާކޮށްފި އެވެ.

ޒުވާނުން މި މުޒާހަރާ ކޮށްފައިވަނީ ވީގޫރު މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގާ ޖަރީމާތައް ކުށްވެރިކޮށް، ޗައިނާގެ ނުފޫޒު ރާއްޖޭގައި ހުއްޓުވަންޖެހޭ ކަމަށް ބުނެއެވެ. ޒުވާނުންތަކެއް ނިކުމެ ކުރި މި މުޒާހަރާ އިންތިޒާމްކުރި ފަރާތެއް އަދި އެނގިފައެއް ނުވެއެވެ.

މުޒާހަރާ ކުރި ފަރާތްތަކުން ޗައިނާ އެމްބަސީ ހުންނަ ސަރަހައްދަށް ވަދެފައިވަނީ ޕޯސްޓަރުތައް ހިފައިގެންނެވެ. ޕޯސްޓަރުތަކުގައި ޗައިނާ އަށް ނިސްބަތްކޮށް، "ލޯން ޝާކް" އަދި "ޗައިނާ އައުޓް" އޭ ވެސް ލިޔެފައިވެއެވެ. ފުލުހުން ވަނީ މުޒާހަރާއާއި ގުޅިގެން ބޮޑުތަކުރުފާނު މަގުން ޗައިނާ އެމްބަސީ ހުންނަ ސަރަހައްދަށް ދުއްވާ އެއްޗިއްސާއި މުޒާހަރާކުރާ މީހުންނަށް ނުވަދެވޭ ގޮތަށް ބެރިކޭޑު ޖަހައި ބަންދު ކޮށްފަ އެވެ.

އެ ގައުމުން ވަނީ ވީގޫރު ދަރިކޮޅުގެ އެތައް ބަޔަކު ބަންދުކޮށްފަ އެވެ. އެމީހުން ބަންދު ކޮށްފައިވަނީ ޗައިނާގެ ހުޅަނގު އުތުރުގެ ޝިންޖިއާން ސަރަހައްދުގެ ކޭމްޕުތަކުގައެވެ. އެ ކޭމްޕްތަކުގައި މުސްލިމުންނާ ދެކޮޅަށް އަނިޔާދީ، ގަދަކަމުން މަސައްކަތް ކުރުވައި އަދި ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފަ އެވެ.

މުޒާހަރާ ކުރި ޒުވާނުން ވަނީ ޗައިނާގެ ނުފޫޒު ރާއްޖޭގައި ހުއްޓުވަންޖެހޭ ކަމަށް ގޮވާފައެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުން ވަނީ ކުރީގެ ސަރުކާރުން ވެސް ދަމަހައްޓާފައެވެ. އެގޮތުން ދެ ގައުމުގެ އެކުވެރިކަން މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖުންވެސް ފެނިގެން ދެއެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ހަފުތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފޯނުން ގުޅުއްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވައިފަ އެވެ.