Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ކޮވިޑް ޖެހިފައިވާ މީހަކު އޮޅުވާލައިގެން ދަތުރުކުރަނިކޮށް ހައްޔަރުކޮށްފި

މޫނު ބުރުގާ އަޅައިގެން އަނބިމީހާގެ ނަމުގައި ދަތުރު ކުރަމުންދިޔަ އިންޑޮނޭޝިއާގެ ކޮވިޑް ޖެހިފައިވާ ފިރިހެނަކުން ފްލައިޓް ވައިގެތެރޭގައި ހުއްޓާ ހިފަހައްޓައިފިއެވެ.

މި ފިރިހެން މީހާ ދަތުރު ކޮށްފައިވަނީ އޭނާގެ އަނބިމީހާގެ ޕާސްޕޯޓްގައި އެމީހާގެ ކޮވިޑް ނެގަޓިވް ޓެސްޓް ނަތީޖާ ހިފައިގެންނެވެ. އޭނާ ހިފަހައްޓާފައިވަނީ ފްލައިޓް ވައިގެތޭރޭގައި ހުއްޓާ އެމީހާ ފާހާނާއަށް ގޮސް ހެދުން ބަދަލު ކުރުމުން އެއީ ފިރިހެނެއްކަން އެނގިގެންނެވެ. ގިނަ މީހުން ބުނެފައިވާ ގޮތުގައި ފްލައިޓް ލޭންޑް ކުރަންދެން ވެސް އޭނާ ހުރި ހެދުމުގައި ހުރިނަމަ ބަޔަކަށް އެއީ ފިރިހެނެއް ކަމެއް ނޭނގޭނެއެވެ.

ކޮވިޑް 19ގެ ސަބަބުން ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވަނީ އިންޑޮނޭޝިއާގައި މެދުކަނޑާލާފައެވެ. އެހެން ނަމަވެސް އަޟްޙާ ޢީދާއި ދިމާކޮށް ޖުލައި 19އިން ފެށިގެން ދަތުރުތައް ވަނީ ފަށާފައެެވެ.

ފްލައިޓް ތެރެއިން އެ ފިރިހެން މީހާގެ ހަގީގަތް އެނގުމުން ވަގުތުން ވަނީ ފުލުހުންނަށް އެކަން އަންގާފައެވެ. އަދި ފްލައިޓް ލޭންޑްކުރިތަނުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ވުމުގެ ސަބަބުން ފުލުހުން ވަނީ އޭނާ އައިސޮލޭޝަނަށް ގެންގޮސްފައެވެ. ކަރަންޓީން މުއްދަތު ހަމަވުމުން އޭނާ ޝަރީޢަތުގެ ކުރިމައްޗަށް ގެންދެވޭނެ ކަމަށް އިންޑޮނޭޝިއާގެ ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގާފައި މިވަނީ އިންޑޮނޭޝިއާގައި އިންތިހާއަށް ކޮވިޑް ހާލަތު ގޯސްވެ ދަތުރު ކުރުމުގެ ގަވާއިދުތައް ވަރަށް ހަރުކަށި ކޮށްފައިވަނިކޮށެވެ.

ފާއިތުވި ހަފްތާގައި އިންޑޮނޭޝިއާވަނީ ދުވާލެއްގެ މައްޗަށް އެންމެ ގިނަ އައު ކޭސް ފެނިފައިވާ ގައުމުތައް ކަމަށްވާ ބްރެޒިލް އަދި އިންޑިއާއަށްވުރެ ކުރިޔަށް ޖެހިލާފައެވެ. އެގޮތުން އެ ގައުމުން ބުރާސްފަތި ދުވަހު އަލަށް ފެނުނު ކޭސްތަކުގެ އަދަދު ވަނީ 49،500ށް އަރާފައެވެ. އަދި ކޮވިޑްގައި ބުރާސްފަތި ދުވަހު އެ ގައުމުން ވަނީ 1449 މީހުން މަރުވެފައެވެ.

އިންޑޮނޭޝިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނި 3,033,339 ށް އަރާފައެވެ. މި ބަލީގައި އެގައުމުން މިހާތަނަށް 79,032މީހުން ވަނީ މަރުވެފައެވެ.