Last Updated: March 29, 10:52
Friday, March 29, 2024
ޚަބަރު

ޗައިނާގެ އަންހެނަކު އަމިއްލަ ފުރާނަ ޤުރުބާންކޮށް ތުއްތު ދަރިފުޅު ސަލާމަތް ކޮށްފި

ޗައިނާގެ އަންހެނަކު ވިއްސާރައިގާ އޭނާ ދިރިއުޅުނު ގެ ވެއްޓުމުން، ސަލާމަތްނުވާ ހިސާބަށް ދިޔުމުން މަރުވުމުގެ ކުރިން އޭނާގެ ތުއްތު ދަރިފުޅު ސަލާމަތް ކުރެވޭ ހިސާބަކަށް މައްޗަށް އަރުވާ އެ ތުއްތު ކުއްޖާ ސަލާމަތްކޮށް މައިވަންތަކަމުގެ ފުރިހަމަ ނަމޫނާ ދައްކައިފިއެވެ.

ތުއްތު އަންހެން ކުއްޖާގެ ރުއިމުގެ އަޑަށް މީހުން ސަލާމަތްކުރުމަށް ދިޔަ ފަރާތުން ގޮސް ކުއްޖާ އެކުއްޖާ ވެއްޓިފައިވާ ގޭގެ ބައިތަކުގެ ދަށުން ނެގުމަށް 24 ގަޑިއިރު ހޭދަވިކަމަށް އެ ފަރާތްތަކުން ބުނެއެވެ. އެމީހުން ލަފާ ކުރާގޮތުގައި އެ ކުއްޖާ ފެނުގެ ތެރެއަށް ނުދާގޮތަށް އެ ހިސާބުގައި ބާއްވާފައިވަނީ އެ ކުއްޖާގެ މަންމައެވެ.

ޗައިނާއަށް ކުރާ ވިއްސާރައިގާ ވޭންގްޒޮންގްޑިއަން ވިލެޖުން ވަނީ ބިންގަނޑު ކަނޑައިގެންގޮސް ގެތައް ބިމާ ހަމަވެ، ފެންބޮޑުވުމުގެ ސަބަބުން 51 މީހުން މަރުވެފައެވެ. އަދި އެ ހިސާބުން 4 ލައްކައަށްވުރެ ގިނަ މީހުންވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ތުއްތު ކުއްޖާ ސަލާމަތްކުރި ވީޑިއޯ ވަނީ ވައިރަލްވެފައެވެ. އެ ތުއްތު ކުއްޖާގެ އުމުރު ވާނީ 3 ނުވަނަ 4 މަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތުއްތު ކުއްޖާގެ އާއިލާ މީހަކު ބުނެފައިވާ ގޮތުގައި އެކުއްޖާގެ ރުއިމުގެ އަޑުއިވިގެން އޭނާ އެތަނަށް ދިޔަ ވަގުތު ނަސީބު ތަންދިން ގޮތުން މީހުން ސަލާމަތް ކުރާ މީހުން ވެސް އެތަނަށް ދިޔައީއެވެ. އެ ކުއްޖާ ސަލާމަތް ކުރެވޭ ގޮތް ހެދީ އެކުއްޖާގެ މަންމަ ކަމަށް އެ މީހާވެސް ވަނީ ބުނެފައެވެ. ކުއްޖާ ހޮސްޕިޓަލަށް ގޮސް ބެލިބެލުމުން އެއްވެސް ކަމެއް ވެފައިނުވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެ ކުއްޖާގެ މަންމަގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ އަންހެންމީހާ ފެނުނުއިރު މަރުވެފައިހުރި ގޮތުން ދޭހަކޮށްދެނީ އެއްޗެއް މައްޗަށް އުފުލުމުގައި އުޅެނިކޮށް މަރުވިފަދަ ގޮތަކަށް ކަމަށެވެ. އެމީހުން ބުނެފައިވާ ގޮތުގައި އެމީހާގެ އެންމެ ފަހު ނޭވާ ދޫކޮށްފައިވަނީ ދަރިފުޅު ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެމުންނެވެ.

ޗައިނާގައި ފެންބޮޑުވެ ބިމުއަޑީގެ ސަބްވޭތަކުގައި ތާށިވެފައިވާ މީހުންގެ ތެރެއިން ވެސް މިހާތަނަށް 12 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓް ކުރެވިފައެވެ. އަދި ވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.