Last Updated: May 17, 13:33
Friday, May 17, 2024
ޚަބަރު

އެމްޑީޕީން ހޯދަން ނިކުތް އެތިވެސް އޮޅިއްޖެ: ޝިޔާމް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

މީގެ 16 އަހަރު ކުރިން އެމްޑީޕީން ހޯދަން ނިކުތްއެތި މިއަދު އެމްޑީޕީއަށް ވެސް އޮޅިފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަަދު އަސްލަމް ވިދާޅުވި ވިދާޅުވުމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީ ރައްދު ދެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ މީގެ 16 އަހަރު ކުރިން އެމްޑީޕީން ހޯދަން ނިކުތް އެތި މިއަދު އެމްޑީޕީއަށް ވެސް އޮޅިފައިވާ ކަމަށާއި ޔަގީނުން ވެސް 16 އަހަރު ފަހުން އެމްޑީޕީ އަށް ލިބިފައިމިވަނީ ހޯދަން މަސައްކަތް ފެށި އެތި ނޫންކަން އެމްޑީޕީގެ އެންމެ އިސްވެރިން އިން ފަށައިގެން އާންމު މެމްބަރުންނަށް ވެސް އިނގޭނެ ކަމަށެވެ.

މި ދުވަސްވަރަކީ އެމްޑީޕީގެ އެތެރޭގެ ބައިބައިވުމާއި ކޯޅުން ބޮޑުވެ އަދި ސަރުކާރަށް ވެސް އެ ޕާޓީގެ ބައެއް މެމްބަރުން ބަހުގެ ހަމަލާ ރައްދު ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ސަރުކާރަށާއި އަދި ކޯލިޝަންގެ ބައެއް ޕާޓީތަކަށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީ ދެ ފަޅި ވެފައިވާއިރު ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ދެން ހުރެވެން ނެތް ކަމަށް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.