Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

މިސްކިތްތައް މަރާމާތު ކުރުމަށް މިސްކިތު ފަންޑުން ފައިސާ ހޯދާ: ޝަހީމް

މާލެސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް މާލެ ސިޓީގައި ފައިސާ ނެތިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެކަމަށް މިސްކިތު ފަންޑުން ފައިސާ ހޯދުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިސްކިތް ފަންޑުގައި ފައިސާ ހުންނަންވާނެ ކަމަށެވެ.

"މާލެސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް @MaleCitymv ގައި ފައިސާނެތިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބޭތީ ދަންނަވަން. މިސްކިތް ފަންޑުގައި ލާރި ހުންނާނެ. އަދި މިސްކިތްފަންޑު ވަޤުފު ބިލްޑިނގ ދާރުލްއީމާނު ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތްތަކުގެ ލާރި." ޝަހީމް ވިދާޅުވިއެވެ.

މިސްކިތްފަންޑުގެ ވަޤުފު ބިލްޑިންގ ދާރުލްއީމާނުގެ ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތްތަކުގެ ފައިސާ ކަމަށާއި ވީމާ ކައުންސިލްތަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ މަޝްވަރާކޮށްގެން އެފައިސާ ހޯއްދަވައިގެން މިސްކިތްތައް މަރާމާތު ކުރެއްވުމަށް ޝަހީމްގެ އަމިއްލަ ވެބްސައިޓްގައި ވެސް ލިޔުއްވާފައިވެއެވެ. މިސްކިތް ބަލަހައްޓަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ކަމުގައިވަނީ ނަމަ މިސްކިތްފަންޑުގެ ފައިސާއިން ކައުންސިލްތަކަށް ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ދާރުލްއީމާން ވަޤުފު ބިނާއަކީ މިސްކިތްތަކަށްޓަކައި ޤާއިމުކުރި ބިނާއެއް ކަމަށާއި އެތަނުގެ ކުލިން ލިބޭ ހުރިހާ ފައިސާއަކީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ ޙައްޤެއް ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.