Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

އިންޑިއާގައި ފެންބޮޑުވެ 110 މީހުން މަރުވެއްޖެ

އިންޑިއާގައި ވިއްސާރަވެ ފެންބޮޑު ވުމުގެ ސަބަބުން 110 މީހުން މަރުވެއްޖެއެވެ.

ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން މީހުން މަރުވެފައިވަނީ އިންޑިއާގެ މަހާރަޝްތްރާ ސްޓޭޓްގައެވެ. އެ ސްޓޭޓްގައި އެތައް ގެއެއް ވަނީ ފެނުއަޑީގައެވެ. އެތައް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެމީހުންގެ މަސައްކަތް ފަށާފައެވެ. އެހެން ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައި ވުމުގެ ސަބަބުން އެމީހުން ދިރިތިއްބާ ފެނުމުގެ އުއްމީދު ވަނީ ކުޑަވެފައެވެ. އިންޑިއާގެ ސިފައިން ވެސްވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނިކުމެފައެވެ.

ސްޓޭޓް ޗީފް މިނިސްޓަރ އުދަވް ތަކްރޭ ވަނީ ކުއްލި އިމަޖެންސީ ބައްދަލުވުމެއް ވެސް ބާއްވާ މި ކާރިސާގައި އެހީތެރިވެދޭނެ ފަރާތްތައް ކަނޑައަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ކަމާއިބެހޭ ފަރާތްތަކުން ދަނީ ހާލުގައި ޖެހިފައިވާ މީހުން ރަނގަޅު ސަރަހައްދު ތަކަށް ބަދަލުކޮށް ފެންބޮޑުވެފައިވާ ޑޭމްތަކުން ފެން ހިއްކުމުގެ މަސައްކަތްތައް ފަށާފައެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ މަރުވި ފަރާތްތަކުގެ އާއިލާތަކަށާއި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ އެއް ސަރަހައްދެއްވަނީ އެއްކޮށް ހަފުސްވެފައެވެ. ބްރިޖްތަކާއި މޯބައިލް ޓަވަރުތައް ވަނީ ވެއްޓިފައެވެ. ކަމާއިބެހޭ ފަރާތްތަކުން ވަނީ ގޭގޭގެ ފުރާޅުތަކުގެ މައްޗަށް މީހުން އަރާ ތިބުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ހެލިކޮޕްޓަރުގައި މީހުން ސަލާމަތްކުރުމަށްދާ ފަރާތްތަކަށް މީހުން ފަސޭހައިން ފެންނާނެތީ އެގޮތަށް އަމަލު ކުރުމަށް ވަނީ އެދިފައެވެ.

މުމްބާއީގެ މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓުމުގެ ސަބަބުން 2 މީހަކު މަރުވެ 10 މީހުން ވަނީ ޒަޚަމްވެފައެވެ. ފެން ބޮޑުވުމުގެ ސަބަބުން ރޭލު ދަތުރުތައް ވަނީ މަޑުޖައްސާލާފައެވެ.

މޫސުމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ ކުރިޔަށް ހުރި ދުވަސްތަކުގައި ވެސް އިންޑިއާއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އިންޑިއާގެ މުމްބާއީއަށް ގަދަ ވިއްސާރައަކީ އާންމު އެއްޗެކެވެ. ކޮންމެ އަހަރަކު ވެސް މޫސުމީ ވިއްސާރައިގާ ފެންބޮޑުވުން ވަނީ އާންމު ވެފައެވެ.