Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ރައްޔިތުން ހަނާވަނީ، ވަޒީރުން ދުބާއީގައި ޗުއްޓީ ކުރަނީ: ދިޔާނާ

ދިޔާނާ ސައީދު-- ފޮޓޯ: ރާއްޖެއެމްވީ

ކޮވިޑް-19 ގައި ރައްޔިތުން ހަނާވަމުންދާ އިރު، ބައެއް ވަޒީރުން ތިއްބެވީ ދުބާއީގައި ޗުއްޓީ ކުރަން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ އއ. ތޮއްޑޫގައި 5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެސްޓް ހައުސްއެއް ޢިމާރާތްކޮށް ގެސްޓުން އަންނަން އެއް ދުވަހަށް ވެެގެން ހުއްދަ ހޯދުމަށް އެޗްޕީއޭގައި އެދުމުން މެސެޖަކަށް އަދި އީމެއިލްއަކަށް ވެސް ޖަވާބު ނުދޭތީ އާންމު ފަރާތަކުން ކަންބޮޑުވުން ފާޅުކޮށް ކުރި ޓްވީޓަކާ ގުޅިގެންނެވެ.

އެ ޓްވީޓަށް އިޝާރާތް ކުރައްވަމުން ދިޔާނާ ވިދާޅުވީ މި ވެރިކަމުގެ ދައުރުގެ ބޮޑު ބައެއްގައި ހުރީ ބަންދު ބޯޑު އަޅުވާފައި ކަމަށާއި ކޮވިޑްގައި ރައްޔިތުން ހަނާހުނި ވާއިރު ބައެއް ވަޒީރުން ތިއްބެވީ ދުބާއީގައި ޗުއްޓީ ކުރައްވަން ކަމަށެވެ.

"އެކަކު ނިއުޔޯކްގައި ހަވާލު ކުރި ޚިދުމަތް ނޫން އެހެން ޚިދުމަތެއްގައި، އަނެކަކު ސަސްޕެންޝަންގައި، ދެން ހުރި ބޭފުޅާ 'މައުލޫމާތު' އަކީ ކޮބައިކަން ނޭނގި ހައިރާންކަމުގައި." ދިނާޔާ ވިދާޅުވިއެވެ.

ދިޔާނާގެ ޓްވީޓްގައި ސަސްޕެންޝަންގައި ހުރި ކަމަށް ވިދާޅުވެފައިވަނީ ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް އޭސީސީން މައްސަލަ ފޮނުވާފައިވާތީ އެކަމާއި މެދު ޕީޖީން ވަކި ގޮތެއް ނިންމަވަންދެން މަހުލޫފް ވަނީ މަސައްކަތުން އެކަހެރި ކޮށްފައެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަޚްލޫފް ހުރެ، މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަޚުލޫފް އަށް ލިބިފައިވާ މައްސަލައާ ގުޅިގެންނެވެ.

އެގޮތުން އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި މަޚްލޫފް މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، މަޖިލީހުގައި މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސް.އޯ.އެފްގެ ޗެކަކުން މަޚުލޫފުގެ އެކައުންޓަށް 33,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.